ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ފެނަކައިން ހިންގި ބޮޑު ހިޔާނާތެއް ފަޅާ އަރައިފިއެވެ.
އޮޑިޓް އޮފީހުން ވަނީ ފެނަކައިގެ 2021 އިން ފެށިގެން 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ނެރެފައެވެ.
އެމްޑީޕީގެ ސަރުކާރުގައި ފެނަކައިން ހިންގިކަން ސާބިތުވާ ހިޔާނާތް 2.2 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރައެވެ.
އޮޑިޓް ރިޕޯޓުން ހާމަވާ ގޮތުގައި، 2021 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު ހިދުމަތާއި ތަކެތި ހޯދަން އެކި ފަރާތްތަކާ ހަވާލުކުރި 2.2 ބިލިއަން ރުފިޔާގެ މަސައްކަތުގެ ތެރެއިން 1.3 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ބީލަމަށް ވެސް ނުލައެވެ.
މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެކި ފަރާތްތަކާއި އެކު 674 އެއްބަސްވުން ހަދާފައިވެއެވެ.
އެގޮތުން ހަމައެކަނި ކަރަންޓް ކޭބަލް ގަތުމަށް ވެސް 790 މިލިއަން ރުފިޔާގެ ހިޔާނާތް ހިންގިއިރު، ޖެންސެޓު ގަތުމުގެ ނަމުގައި 552 މިލިއަން ރުފިޔާގެ ހިޔާނާތް ހިންގިކަން އޮޑިޓު ރިޕޯޓުން ހާމަވެއެވެ.
މީގެ އިތުރުން ވެސް، ޓްރާންސްފޯމަރު ގަތުމުގެ ނަމުގައި 396 މިލިއަން ރުފިޔާގެ ހިޔާނާތް ހިންގި ކަމާއ، ފެނާއި ނަރުދަމާ މަޝްރޫއު ހިންގުމުގެ ނަމުގައި 496 މިލިއަން ރުފިޔާގެ ހިޔާނާތް ހިންގިކަން ރިޕޯޓުން ހާމަވެއެވެ.
އަދި އިން-ހައުސްކޮށް ފެނަކައިން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއުތަކުގެ ބޭނުމަށް މުދަލާއި ތަކެތި އެއް ރަށުން އަނެއް ރަށަށް ފޮނުމުގެ މަސައްކަތް ކުރުމަށް މުދާ އުފުލާ ދޯނި ފަހަރާއި ލޭންޑިން ކްރާފްޓް ކުއްޔަށް ހިފުމަށާއި އެ މަސައްކަތްތައް ހަވާލު ކުރުމަށް އެކި ފަރާތްތަކާއެކު ހަދާފައިވާ 612 އެއްބަސްވުމެއްގެ ދަށުން ޖުމްލަ 191،602،363 ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާއި ހަވާލުކޮށްފައިވާއިރު، އޭގެ ތެރެއިން 344 އެއްބަސްވުމުގެ ދަށުން މުދާ އުފުލުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މާކެޓް އަގުތަކަށްވުރެ ބޮޑު އަގުގައިކަން ވެސް އޮޑިޓު ރިޕޯޓުން ވަނީ ހާމަވެފައެވެ. އެއީ ގާތްގަނޑަކަށް 47،546،407 ރުފިޔާއެވެ.
މީގެ އިތުރުން ވެސް އެމްޑީޕީގެ ވެރިކަމުގައި އުސޫލާ ހިލާފަށް ހިންގާފައިވާ އެހެން ކަންކަން ފާހަގަކޮށް، އެކަމުގައި ޝާމިލުވާ މީހުންނާމެދު ފިޔަވަޅު އެޅުމަށް ވެސް ފެނަކައިގެ އޮޑިޓް ރިޕޯޓުގައި ވަނީ ލަފާ ދީފައެވެ.
އެމްޑީޕީގެ ވެރިކަމުގައި ފެނަކައިން ހިންގި ބޮޑު ވައްކަމެއް ފަޅާއަރާފައިވާއިރު، އެ ޕާޓީން ގެންދަނީ، އަންނަ މަހުގެ 3 ވަނަ ދުވަހު، ސަރުކާރާ ދެކޮޅަށް މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް ވެސް ތައްޔާރު ވަމުންނެވެ.

