މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މާލެއިން ތިން މީހުން ހައްޔަރުކޮށްފިއެވެ.

މި ތިން މީހުން ވެސް ހައްޔަރުކޮށްފައިވަނީ މި ސެޕްޓެންބަރު މަހުގެ 25 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުންނެވެ.

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ މާލޭގެ ދެ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބިޑިއަކާއި ރަބަރު ޕެކެޓުތަކެއް ފެނިފައިވެއެވެ.

މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1246 ގުރާމެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެ / މއ. މަޒާގެ، މުޙައްމަދު އައިޝް އަޙްމަދު (34އ) އާއި މާލެ / މއ. މަޒާގެ، އާމިނަތު ޢިއްލިއްޔީން އަޙްމަދު (25އ) އާއި ހދ. ކުޅުދުއްފުށި / މަރިޔާޒް، އިނާޔަތު އަލީ (34އ)އެވެ.

މި މައްސަލައާ ގުޅިގެން މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުހައްމަދު އައިޝް އަހުމަދު 10 ދުވަހަށް އަދި އާމިނަތު އިއްލިއްޔީން އަހުމަދާއި އިނާޔަތު އަލީ ހަތް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.