ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި، އެންމެ މީހަކަށް ގާނޫނު ހިންގުމުގެ ބަދަލުގައި ދައުލަތުގެ ޒިންމާއަކަށް ވާންޖެހޭނީ، އެ މުޅި މައްސަލައިގެ އެންމެ އަޑިއަށް ފީނައި، މިކަމުގައި ޝާމިލުވާ އެންމެންނާ މެދު އިންސާފުވެރި ތަހުގީގެއް ހިންގައި ގެއްލިފައިވާ ފައިސާ ރައްޔިތުންނަށް ހޯދައިދިނުން ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، އެމްޑީޕީގެ ނިމިދިޔަ ސަރުކާރުގައި ފެނަކައިން ހިންގި 2.2 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތް ފަޅާ އެރުމާ ުގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، އޭރު އޮތް އެމްޑީޕީ ސަރުކާރުން މުޅި ދައުލަތް ލޫޓުވަމުންދިޔަ މައްސަލަ، އޭރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެންނެވިން ކަމަށެވެ.

ނަމަވެސް އެމްޑީޕީ ސަރުކާރުން، އެ ޕާޓީގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހުން ވެސް އަދި މިނިވަން މުއައްސަސާއަކުންވެސް އަޅައެއްނުލި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ފެނަކއިގެ އޭރުގެ އެމްޑީ އަހުމަދު ސައީދު މުހައްމަދަށް އެކަނި މިވަރުގެ ބޮޑެތި ވައްކަންތައް ނުކުރެވޭނެ ކަމަށެވެ.

”ވަރަށްގިނަ މީހުންނަށް ބައި އެޅިކަން މިހާރު މިދަނީ ފަޅާ އަރަމުން،“ މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން ދައުލަތުގެ ޒިންމާއަކަށް ވާންޖެހޭނީ، ހަމައެކަނި އެންމެ މީހަކަށް ގާނޫނު ހިންގުމުގެ ބަދަލުގައި މުޅި މައްސަލައިގެ އެންމެ އަޑިއަށް ފީނައި، މިކަމުގައި ޝާމިލުވާ އެންމެނާމެދު އިންސާފުވެރި ތަހުގީގެއް ހިންގައި، ގެއްލިފައިވާ ފައިސާ ރައްޔިތުންނަށް ހޯދައިދިނުން ކަމަށްވެސް ވިދާޅުވިއެވެ.

އަދި މިހާދުވަހު އެ މައްސަލައަށް އަޅާނުލައި ތިބި މުއައްސަސާތައް ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މި ގައުމު ސަލާމަތް ކުރެވޭނީ ކޮރަޕްޝަން މުލުން ލުހެލައިގެން ކަމަށެވެ.

ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓް ނެރެފައިވާއިރު، އެ ރިޕޯޓުން ބޮޑެތި ކޮރަޕްޝަންތަކެއް ވަނީ ފާހަގަވެފައެވެ.