ފަލަސްތީނާ މެދު، ބޮޑެތި ގައުމުތަކުން ގެންގުޅޭ ދެފުށް ދެގޮތް ސިޔާސަތަށް ފޮރިން މިނިސްޓަރު ޑރ.އަބްދުﷲ ހަލީލު ފާޑުވިދާޅުވެއްޖެއެވެ.

މިނިސްޓަރު މި މޭރުމުން ވާހަކަފުޅު ދައްކަވައިފައި ވަނީ، އދގެ 80 ވަނަ އާންމު މަޖިލީހުގެ ބައްދަލުވުމުގައެވެ.

މިނިސްޓަރު ހަލީލު ވަނީ ގަތުލު އާންމު ނުފެންނަ ކަމަށް ހަދައިގެން ބޮޑެތި ގައުމުތަކުން އެކަމަށް ވާގިވެރިވުމަކީ ގަރުނުގެ އެންމެ ބޮޑު ލަދު ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ، ފަލަސްތީނުގައި އިޒްރޭލުން ހިންގާ ނަސްލު ނައްތާލުމުގެ އަމަލުތަކަށް ވާގިދެނީ ބައިނަލްއަގުވާމީ އިންސާފުގެ ނިޒާމު ބިނާކުރި ގައުމުތަކުން ކަމަށެވެ. އަދި އެއީ ގަރުނުގެ އެންމެ ބޮޑު ލަދު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހަލީލު ވަނީ ބައިނަލްއަގުވާމީ އިންސާފާއި އަދާލަތުގެ ކުރިމައްޗަށް އިޒްރޭލު ގެނައުމުގައި އދ. އާއި ދުނިޔޭގެ ބާރުތައް ނުކުޅެދިފައިވުމާއި ބައިނަލްއަގުވާމީ ގާނޫނުތައް ތަންފީޒުކުރުމުގައި ގައުމުތަކުގެ މެދުގައި ތަފާތުކުރުން ގެންގުޅުމުގެ ސަބަބުން، މުޅި ނިޒާމަށް ގައުމުތަކުން ކުރާ އިތުބާރު ގެއްލުމުގެ ބިރު ބޮޑުވެފައިވާ ކަމަށް ވިދާޅުވެފައެވެ.