ޅ. ނައިފަރު ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ފޭސް 2 ގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީގައި މިއަދު ކުރިޔަށް ގެންދިޔަ ނައިފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަޑް) އަހްމަދު ސައުދީއެވެ.
މި މަޝްރޫއުގެ އަގަކީ 679,031,580.60 މިލިޔަން ރުފިޔާއެވެ.
630 ދުވަސް ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި މި މަޝްރޫއުގެ ދަށުން، ނައިފަރުގައި 44.8 ހެކްޓަރު ބިން ހިއްކުމާއި، 1813 މީޓަރު ބޮޑު ހިލައިގެ ރިވެޓްމަންޓްޖެހުމާއި، 803 މީޓަރު ބޮޑު ހިލައިގެ ބޭރުތޮށިލުމާއި، 474 މީޓަރު ބޮޑު ހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

