ދ.ރިނބުދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރުމަށް އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.
މިކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި އެއްބަސްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދުއެވެ.
އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ހަސަން ހަބީބުއެވެ.
ދައުލަތުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދު ކޮށްގެން އިމާރާތްކުރާ މި މިސްކިތުގައި ނަމާދު ކުރާ ބައިގެ އިތުރުން ލައިބްރަރީއަކާއި ކްލާސްރޫމް ހިމެނިފައިވާ ހުންނާނެއެވެ.
އަދި މީގެ އިތުރުން މިސްކިތް ނިމޭއިރު އޭސީ ހަރުކުރެވި ސޯލާ ނިޒާމު ޤާއިމް ކުރެވިފައި ހުންނާނެއެވެ.
ރާއްޖޭގެ ރަށްތަކުގައި އަލަށް ޢިމާރާތް ކުރާ މިސްކިތްތަކަކީ ޒަމާނީ ޑިޒައިންތަކަށް އިމާރާތް ކުރާ ހިއްގައިމު މިސްކިތްތަކެެވެ.
މި މަޝްރޫއުއަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.

