އައްޑޫ ސިޓީ ހިތަދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މާރާމާރީގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭ 1:17 އެހައިކަންހާއިރުއެވެ.
އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ސ. ހިތަދޫ / ސަންރީފް އަލީ އަސްއަރު (30އ)އެވެ. އޭނާ ހައްޔަރުކުރީ މިހަފުތާގެ އާދިއްތަ ދުވަހުއެވެ.
އެ މައްސަލައާ ގުޅިގެން އަލީގެ އަސްއަރުގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ކަމަށް ފުލުހުން ބުންޏެވެ.
އެ މާރާމާރީގައި އަނިޔާވީ 34 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.
އޭނާއަށް ފަރުވާދެމުން އަންނަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ކަމަށާއި އެމީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލުން ފުލުހުންނަަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

