މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރުންގެ މަގާމުތަކަށް މިއަދު ހުޅުވާލައިފިއެވެ.
އަލަށް އަމަލު ކުރަން ފެށި ގާނޫނުގެ ދަށުން އެކުލަވައިލުމަށް ހަމަޖެހިފައިވާ ހަތް މެންބަރުންގެ، މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށްގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނާއި، ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންނާއި އެހެނިހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ކޮމިޝަނަށް މަޖިލީހުގެ ކަނޑައަޅާ ތިން މެންބަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ އޮކްޓޫބަރުމަހުގެ 12 ވަނަ ދވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
މަގާމުގެ ޝަރުތުތަކަކީ ދިވެހި ރައްޔިތަކަށްވުމާއި، އުމުރުން 30 އަހަރު ވެފައިވުމާއި، ނޫސްވެރިކަން ނުވަތަ ބްރޯޑްކާސްޓް ކުރުމުގެ ދާއިރާއިން، ނުވަތަ ސިޔާސަތު ކަނޑައެޅުމާބެހޭ ދާއިރާއިން ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ މީޑިއާގެ ދާއިރާއިން މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ހާސިލްކޮށްފައިވުމާއި، މީޑިއާގެ މަސްއޫލުވެރި ފަރާތެއްކަމުގައި ނުވަތަ އެޑިޓަރެއްގެ މަގާމު އަދާކުރަމުންދާ މީހަކުކަމުގައި ނުވުމާއި، ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަން ކުރެވޭ މަގާމެއް ފުރަމުންދާ މީހަކަށް ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމާއި، އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެކުށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، ހިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކަށް ނުވުމާއި، ކޮމިއުނިކޭޝަން މީޑިއާގެ ހިދުމަތް ދިނުމުގެ ދާއިރާގައި ވިޔަފާރީގެ ހިއްސާއެއް އޮތް މީހަކަށް ނުވުމެވެ.
އިއުލާނުގައި ވަނީ، މެންބަރުކަަމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި އިގްރާރާއި، ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އާއި ވަނަވަރާއި، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަންނަ އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހެޅުމަށް އެދިފައެވެ.

