ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު، ދިވެހި ވަތަނީ ހިދުމަތް އިފްތިތާހު ކޮށްދެއްވައިފިއެވެ.

ޅ. މާފިލާފުށީގައި ހުންނަ ދިވެހި ގައުމީ ދިފާއީ ބާރުގެ ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ވަނީ، ދިވެހި ވަތަނީ ހިދުމަތް އިފްތިތާހު ކުރެއްވުމުގެ ގޮތުން ދިވެހި ވަތަނީ ހިދުމަތުގެ ދިދަ ހަވާލުކުރައްވައިފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ފުރިހަމަ ތަރައްގީ ހާސިލުކުރެވޭނީ ހަރުދަނާ، ޒުވާން ޖީލެއް ބިނާކޮށްގެންކަމުގައި ވިދާޅުވެފައެވެ.

އަދި ގައުމުދެކެ ލޯބިވާ، އިސްލާމް ދީން ދެކެ ލޯބިވާ، ފަހުރުވެރި، ހުނަރުވެރި ޒުވާނެއް ބިނާކުރުމަކީ، ބޮޑެތި އުމްރާނީ މަސައްކަތްތަކަށްވުރެ މުހިންމުކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތަމްރީނުގެ ބައިވެރިންނަށް އެމަނިކުފާނު އިލްތިމާސްކުރެއްވީ، މި ތަމްރީނަކީ، އެ ބައިވެރިންގެ މުސްތަގުބަލު އުޖާލާކޮށް، އުފާފާގަތިކަން ކަށަވަރުކުރުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައި ބަލައިގަނެގެން ކުރިއަށްދިއުމަށެވެ.

އަދި ތަމްރީނު ނިމޭއިރު އުފެދިގެންދާނީ، އުޅުންހުރި، ގައުމީ އަދި ދީނީ ލޯބި އަށަގެންފައިވާ، ބާރުވެރި ޒުވާނުންތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހި ވަތަނީ ހިދުމަތުގެ މިޝަންގެ ގޮތުގައި ކަނޑައަޅާފައިވަނީ، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފުސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކުރުމެވެ.

މިއަދު މި ފެށި، ނޭޝަނަލް ސަރވިސް އިނީޝިއަލް ތަމްރީނަކީ، ތިން މަސް ދުވަހުގެ ޕްރޮގްރާމެކެވެ.

މި ތަމްރީނުގައި ދިވެހި ގައުމިއްޔަތު، ޒިންމާދާރު ރައްޔިތުކަން، ދިނީ ތަޢުލީމު، ލީޑަރޝިޕް އަދި ބަހުގެ ޕްރޮފިޝަންސީ އުނގަންނައިދީ، ކަސްރަތާއި ހަށިހެޔޮކަމާއި، ހެވިކަމުގެ ތަމްރީނުތައް ކުރިއަށްގެންދާނެއެވެ.

އަދި ފަސްޓް އެއިޑް، ފަޔަރ ފައިޓިން އަދި ސެލްފް ޑިފެންސްވެސް ދަރިވަރުންނަށް ދަސްކޮށްދޭނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި، ދައުލަތުގެ އިއްޒަތްތެރިންނާއި، ވަޒީރުންނާއި، ސަރުކާރާއި ގައުމީ ދިފާއީ ބާރުގެ އިސްވެރިން ބައިވެރިވެވަޑައި ގަތެވެ.