ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ކަނޑުމަގުން ދަތުރުކުރާ، ”ގްލޯބަލް ސުމޫދު ފްލޮޓިލާ“ގެ އުޅަނދުތަކެއް އިސްރާއީލުން ހުއްޓުވުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކުށްވެރިކުރައްވައިފިއެވެ.
ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ސުމޫދު ފްލޮޓިލާގެ ދަތުރުފެށީ މިދިޔަ އޮގަސްޓު މަހުގައެވެ.
މި ފްލޮޓިލާގެ 40 އުޅަނދެއްގައި، 44 ގައުމެއްގެ މީހުން ތިބިއިރު، އޭގައި ދިވެހީން ވެސް ހިމެނެއެވެ.
އެ އުޅަނދުތައް، ޣައްޒާ ކައިރީގައި އިޒްރޭލުގެ ކަނޑުގެ ސިފައިންގެ ބޯޓުތައް ހަރަކާތްތެރިވާ ސަރަހައްދާ ކައިރިވުމުން، އިސްރާއީލު ސިފައިން ވަނީ ބޯޓުތައް ހުއްޓުވަން ފަށައިފައެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިޒްރޭލުން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ގްލޯބަލް ސުމޫދު ފްލޮޓިލާގެ އުޅަނދުތައް ހުއްޓުވުން ކުށްވެރިކުރައްވާ ކަމަށެވެ.
އެއީ އެއްވެސް ހަތިޔާރަކާ ނުލައި، ޣައްޒާއަށް ޒަރޫރީ އެހީ ގެންދާ އާންމުން ތިބި އުޅަނދުތަކެއްކަން ފާހަގަކުރައްވައި ރައީީސް ވިދާޅުވީ، އިޒްރޭލުން އެފަދަ ގޮތަކަށް ބިރު ދެއްކުން ބަލައިނުގަނެވޭނެ ކަމަށެވެ.
އެކަމަށް ރުހިގެން ތިބެގެން ނުވާނެ ކަމަށާއި، މިނިވަންކަމާއި އަސާސީ ވަސީލަތްތަކުން މަހުރޫމު ކޮށްފައިވާ އާބާދީއަކަށް އެހީ ފޯރުކޮށްދޭން ދާ ބަޔަކަށް ހުރަސްއެޅުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނިއްޔަތާ ވެސް ހިލާފު އަމަލެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޔަހޫދީން އެއްވެސް ރަހުމެއް ނެތި، ތަކުރާރުކޮށް އިންސާނީ ކަރާމަތް ނަގާލައި ހިންގަމުންދާ އަމަލުތަކުގެ ސަބަބުން އިތުރަށް އެކަހެރި ވެފައިވާ ކަމަށެވެ.
އެހެންވެ، އިސްރާއީލަށް ފިޔަވަޅު އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ރައީސް ގޮވައިލެއްވިއެވެ.
އަދި ފަލަސްތީނުގެ ރައްޔިތުން އަމިއްލަ ހައްގުތައް ހޯދުމަށާއި މިނިވަންކަމާއި ސުލްހައާއި ސަލާމަތާއި އިންސާފަށް ކުރަމުންދާ މަސައްކަތުގައި، އެ ގައުމުގެ ރައްޔިތުންނާއެކު ރާއްޖެއިން އަބަދުވެސް ސާބިތުވެ އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

