ކުރީ ސަރުކާރުން ފެށިގެން ފައިސާ ނުދީ ހުރި ބިލުތަކަށް ފަސް ހަފްތާ ތެރޭގައި ފައިސާ އެއްކޮށް ދައްކާ ނިމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ސަރުކާރު ހިންގުމާއި މި ސަރުކާރުން ހަވާލުވިއިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް ކުރުވާ ފައިސާނުދީ ހުރި އެތައްހާސް ބިލުތައް ހިމެނޭހެން، ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހަޅާފައިވާ އެންމެހައި ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ، ކުރިޔަށް އޮތް ފަސް ހަފްތާ ތެރޭ ދައްކާ ނިމޭނެ ކަމަށެވެ.

”ފުން އަނދަވަޅެއްގައި އޭރު އޮތް ދިވެހި އިގްތިސާދު ނަގާ ކޮޅަށް ޖެހުމުގައި ކުރެވެމުންދާ މަސަައްކަތުގެ ތެރެއިން މި ހާސިލްކުރެވޭ ވަރަށް ބޮޑު ކާމިޔާބިއެއް،“ ރައީސް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ފެށިގެން ފައިސާ ނުދީ ހުރި ބިލުތަކަށް ފަސް ހަފްތާ ތެރޭގައި ފައިސާ އެއްކޮށް ދައްކާ ނިމޭނެ ކަމަށް ރައީސް ވިދާޅުވިއިރު، ރޭ ޕީއެންސީން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވެފައި ވަނީ، ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ.