އެމްޑީޕީން ރޭ މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ތިން ފުލުހަކަށް އަނިޔާވި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މުޒާހަރާ ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ތިން ފުލުހަކަށް އަނިޔާވެފައިވާ ކަމަށާއި އޭގެތެރޭގައި ހިމެނެނީ އަންހެން ފުލުހަކާއި ފިރިހެން ދެ ފުލުހުން ކަމަށެވެ.
މީގެތެރެއިން އަންހެން ފުލުހަށް އަނިޔާވެފައިވަނީ ޝީލްޑާއެކު ވެއްޓި ފުލުސް މީހާގެ ގައި މަތިން މުޒާހަރާގެ ބައެއް ބައިވެރިން ފުލުސް މީހާގެ ގައިމަތިން ހިނގުމުގެ ސަބަބުން ކަމަށް ފުލުހުން ބުންޏެވެ.
އަނެއް ދެ ފިރިހެން ފުލުހުންގެ ތެރެއިން އެކަކަަށް އަނިޔާވީ ބެރިކޭޑުން ޖެހުމުން ސަބަބުން ކަމަށާއި އަދި އަނެއް ފުލުސް މީހާއަށް އަނިޔާވެފައިވަނީ ޝީލްޑްތަކުގައި މުޒާހަރާގެ ބައިވެރިން ޖެހުމުގެ ސަބަބުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އަނިޔާވި ދެ ފުލުހަކަށް ސެނެހިޔާ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާއިރު ދެން އަނިޔާވި ފުލުހަށް ފަރުވާދީފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ ރޭގެ މުޒާހަރާގެ ތެރެއިން 8 މީހަކު ހައްޔަރުކޮށްފަ އެވެ.
އަދި އޭގެތެރެއިން ދެ މީހަކު ދޫކޮށްލައި ބާކީ ތިބި މީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.
ފުލުހުން ބުނީ އެމްޑީޕީގެ މުޒާހަރާ ހުއްޓުވީ، ކުރިން ހުއްދަ ދެވިފައިވާ ރޫޓާ ހިލާފަށް، މުޒާހަރާގެ ބައިވެރިން މިސްރާބު ޖެހުމުން ކަމަށާއި، ފުލުހުންނާ ދިމާއަށް ގަލާއި ފުޅި އުކައި، ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތްކޮށް، ފުލުހުންގެ ވާޖިބަށް ހުރަސްއަޅަން މަސައްކަތް ކުރި މީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

