މުދައްރިސުންގެ ބުރަ މަސައްކަތާއި ހިންމަތަކީ ދުނިޔެއާއި އާހިރަތުގެ މަންފާ އޭގައި އެކުލެވިފައިވާ، މާއްދީ އެއްވެސް އެއްޗަކުން އަގުނުކުރެވޭނެ، ގަދަރުވެރި، ފަހުރުވެރި ހިދުމަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މި ޕޯސްޓުގައި، މި ގައުމުގެ ދިދަ މާދަމާ އުފުލާނެ އަޒުމު ވަރުގަދަ، ހިތްވަރު ހުރި، މޮޅު ކުދީން މިއަދު އެތިބީ މަދަރުސާތަކުގައި ކަމަށާއި ދިވެހީން އެދޭފަދަ ހަރުދަނާ ޖީލެއްގެ ގޮތުގައި އެކުދީން ތަރުބިއްޔަތު ވާނީ މުދައްރިސުން މިއަދު ދިން އިރުޝާދަކާއި ތައުލީމަކާއި އޯގާތެރިކަމަކުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި އުޖާލާ ކުރިމަގެއް ރާއްޖެއަށް ހޯދައިދިނުމުގެ އެންމެ ބޮޑު ދައުރަކާއި ބާރެއް އޮތީ މުދައްރިސުންގެ އަތްމަތީގައިކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މި ޕޯސްޓު ނިންމަވާލައްވަމުން ރައީސް ވަނީ، ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ އެދުރުންނަށް ކުރިއެރުމާއި ފަހިކަން ހޯދައިދިނުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާކަމުގެ ޔަގީންކަން އަރުވައި، މި އުފާވެރި ދުވަހުގެ ތަހުނިޔާ މުދައްރިސުންނަށް އަރިސްކުރައްވައި، އަދި އެންމެހާ އެދުރުންގެ އާއިލާތަކަށް ދުޅަހެޔޮކަމާއި އުފާފާގަތިކަމަށް އެދިވަޑައިގެން ދުއާ ކުރައްވާފައެވެ.
މި މުނާސަބަތުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެކްސްގައި ހިއްސާކުރެއްވި މެސެޖުގައި، ކޮންމެ މުދައްރިސަކީ ދަރިވަރުންނަށްޓަކައި މަންމައެއް، ބައްޕައެއް، އަދި ބެލެނިވެރިއެއް ކަމަށާއި އެއްޖީލުން އަނެއްޖީލަށް އިލްމު ފޯރުކޮށްދެނީ އަދި ފަންނުތައް ވާރުތަކޮށްދެނީ މުދައްރިސުންކަން ފާހަގަކުރައްވައި، މުދައްރިސުން ނެތް މުޖްތަމައުއެއްގެ ކުރިމަގެއް، ތަހުޒީބެއް، ދިރުމެއް، އުންމީދެއް ނޯންނާނެ ކަމުގައި ވިދާޅުވިއެވެ.
އަދި ހެޔޮލަފާ، ހީވާގި މުދައްރިސުންގެ އެހީތެރިކަމާއި ހިދުމަތް އަބަދުމެ ދިވެހިރާއްޖެއަށް ލިބެމުން ދިއުމަށް އެދިވަޑައިގެން ހެޔޮ ދުއާ ކުރައްވައި، އެކަމަނާ ވަނީ ބައިނަލްއަގްވާމީ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފައެވެ.

