ޔުނިފޯމުއަޅައިގެން ހިދުމަތްކުރާ ދާއިރާތަކުގައި އަންހެނުންގެ ދައުރު ވަރަށް މުހިންމު ކަމަށާއި، އަންހެނުންނަކީ ސުލްހަ މަސަލަސްކަން ހިމާޔަތްކޮށް، މުޖުތަމަޢުގައި ގާބިލުކަން އިތުރުކޮށްދޭ ވަރުގަދަ ރަމްޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ ކްރޮސްރޯޑްސް މޯލްޑިވްސްގައި މިއަދު ހެނދުނު އޮތް ”މޯލްޑިވްސް ވިމެން އިން ޕޮލީސިންގް ސަމިޓް 2025“ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
”އެމްޕަވަރޑް ވިމެން: ސޭފަރ ކޮމިއުނިޓީސް“ މިޝިޢާރުގެ ދަށުން ކުރިއަށްގެންދާ މި ސަމިޓަކީ ސަލާމަތީ ދާއިރާތަކުގައި އަންހެނުންގެ ކުރިއެރުމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުގެ މެދުގައި މަޝްވަރާ ކުރުމަށް ކުރިއަށްގެންދާ ސަމިޓެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި، ސިފައިންނާއި ކަސްޓަމްސްއާއި، އިމިގްރޭޝަނާއި އަދި މިނޫންވެސް، ޔުނިފޯމުއަޅައިގެން ހިދުމަތްކުރާ ދާއިރާތަކުގައި އަންހެނުންގެ ދައުރު ވަރަށް ތަފާތުކަން ފާހަގަކުރައްވައި، އަންހެނުންނަކީ ގާނޫނު ނެގެހެއްޓުމުގެ އިތުރުން، އަންނަން އޮތް ޖީލުތަކަށް ހިތްވަރުދޭ ބައެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.
މީގެއިތުރުން، ސައިބަރ ކްރައިމްއާއި، އިންސާނީ ވަގުފާރިއާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ކާރިޘާތަކާއި، ހައްދުފަހަނައަޅައި ދިއުމުގެ މައްސަލަތައް ފަދަ ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ސަލާމަތާ ގުޅުންހުރި މައްސަލަތައް އިތުރުވަމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މި ގޮންޖެހުންތަކުން އަރައިގަތުމުގައި އަންހެނުންގެ ދައުރު ވަރަށް މުހިންމުކަން ފާހަގަކުރައްވައި، ސަލާމަތާއި ހިމާޔަތްދިނުމުގެ ދާއިރާގައި އަންހެނުންނާއި އަންހެން ކުދިން، މަސައްކަތްކުރުމަކީ، އެކަނބަލުންގެ ހުނަރުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ ފުރުސަތުތަކެއްގެ ގޮތުގައި ދެކިވަޑައިގަތުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ.
އަދި، ގާނޫނު ތަންފީޒު ކުރުމުގައި އަޅާލުމާއި އޯގާތެރިކަމާއި، ވާހަކަ ދެއްކުމާއި، ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުކުރިއަށްގެންދަވަމުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ކުށުގެވެށިން އަނިޔާލިބެމުންދާ މީހުން، އަދި ވަކިން ހާއްސަކޮށް އެފަދަ އަންހެނުންނާއި ކުޑަކުދިންނަށް، އިތުބާރުކުރެވޭ މަންދޫބަކު ފެނުމުން، މުޢާމަލާތްކުމުގެ ފުރުސަތު އިތުރުވެގެންދާކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، ހަމަހަމަކަމާއެކު އަންހެނުން ބަލައިގަންނަ މާހައުލެއް ގާއިމް ކުރުމަށް މަސައްކަތްކުރެއްވުމަށް އެކަމަނާ ވަނީ، ސަމިޓުގެ ބައިވެރިންނަށް ހިތްވަރު ދެއްވާފައެވެ.
އަދި އަންހެނަކު، އޭނާގެ މުޖުތަމައު ދިފާއު ކުރުމަށް ފިޔަވަޅު އަޅާއިރު، އިންސާފުގެ އަސްލަކީ އެ އަންހެން މީހާކަންވެސް އެކަމަނާ ހަނދާންކޮށްދެއްވިއެވެ.
މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ”މޯލްޑިވްސް ވިމެން އިން ޕޮލިސް ޗެލެންޖް“ ގެ ރަމްޒީ ”ފައިސާ“ ފޮއްޗެއް ތައާރަފު ކޮށްދެއްވާފައެވެ.

