ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އދ ދިގުރަށު ކައުންސިލާއި، އތމ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު އދ. ދިގުރަށު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވާފައެވެ.

މިގޮތުން ކައުންސިލުން ވަނީ ރަށު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި އެ މަސައްކަތް އަވަސްކުރެއްވުމަށް އެދިވަޑައިގެންފައެވެ.

އަދި ރަށުގެ މަގުތައް ރައްޔިތުން ބޭނުންވާގޮތަށް ހަދައިދިނުމަށާއި ޒުވާނުންނަށް މިހާރު އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފުޓުބޯޅަ ދަނޑު ގާއިމުކޮށްދެއްވުމަށްވެސް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަކުރެއްވުމުގައި މުއައްސަސާތަކުގެ އިސްވެރިން ވަނީ ސްކޫލްގެ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނެސްދެއްވުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގައި ޑޮލަރު އޭޓީއެމެއް ބެހެއްޓުމަށާއި ކޮންވެންޝަންސް ސެންޓަރެއްގެ އިތުރުން ސްޕޯޓްސް ކަނދުފައްޗެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.

އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.