އދ. ދަނގެތީގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކުރީ މިއަދު ރައީސް ޑރ.މުހައްމަދު މުއިއްޒު އދ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ފެއްޓެވި ދަތުރުފުޅުގައި ދަނގެއްޗަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ އަހުމަދު ސައުދީއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބްއެވެ.

ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 279.92 މިލިޔަން ރުފިޔާއަށް 570 ދުވަހުން ނިންމާގޮތަށެވެ.

ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތަކުގެ ތެރޭގައި، 27.32 ސަރަހައްދެއްގެ ބިންހިއްކުމާއި، 576 މީޓަރުގެ ވަގުތީ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމާއި، 718 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 500 މީޓަރުގެ ސަރަހައްދެއްގައި ލޯކްރެސްޓު ބޭރުތޮއްޓެއްލުމާއި، 240 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތަކުގެ ތެރޭގައި، 66,500 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 492 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުމާއި، 385 މީޓަރުގެ ސަރަހައްދެއްގައި ގޮރޮއިން ޖެހުމުގެ މަސައްކަތް ކުރުން ހިމެނެއެވެ.