ގިނަ ރަށްތަކެއްގައި ހުއްޓިފައިވާ ނަރުދަމާގެ މަޝްރޫއުތައް އަލުން ފެއްޓޭނޭ އިންތިޒާމުތައް ހަމަޖައްސަވަމުންގެންދަވާކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އދ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ފެންފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހުއްޓުމަކަށް އައިސްފައިވާ ފެންފުށީގެ ނަރުދަމާގެ މަޝްރޫޢަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވަނީ، މިއީ ގިނަ ރަށްތަކަކަށް ކުރިމަތިވެފައިވާ މައްސަލައެއްކަން ފާހަގަކުރައްވާފައެވެ.

އަމިއްލަ ކުންފުންޏަކާ ހަވާލުކުރައްވާފައިވާ މި މަސައްކަތްތައް، މި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ބާރު އަޅުއްވައިގެންވެސް، އަލުން ފަށާފައި ނުވާތީ، ސަރުކާރުން މިހާރު ނިންމަވާފައިވަނީ އެއްބަސްވުން ނިމުމަކަށް ގެނެސް، އެހެން ގޮތަކުން މަޝްރޫއުތައް ކުރިއަށްގެންދެވުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ފެންފުށީގެ ނަރުދަމާގެ މައްސަލައަށް ހައްލު ގެނެސްދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު މިއަދު ވަނީ ދެއްވާފައެވެ.

މަޑުޖެހިފައިވާ އެ ރަށުގެ ސްކޫލްގެ މަސައްކަތްވެސް އަލުން ފައްޓަވައި، އަންނަ ދިރާސީ އަހަރަށް އެ އިމާރާތް ބޭނުންކުރެވޭ ގޮތަށް މަސައްކަތް ނިމޭނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ވަނީ، ފެންފުށީ ދޯނި އެހެލާ ސަރަޙައްދު ތަރައްޤީކުރުމުގެ މަޝްރޫޢާއި، ފެންފުށީގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.

އަދި ރައީސްގެ މި ދަތުރުފުޅުގައި ހިމެނިގެން، ފެންފުށީގެ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ އަމަލީ މަސައްކަތާއި، ފެންފުށީ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ އަމަލީ މަސައްކަތާއި، ކުންޏާއި ވަސީލަތް މެނޭޖްކުރާ މަރުކަޒުގެ އަމަލީ މަސައްކަތާއި، ފުޓުބޯޅަ ދަނޑުގެ ވަށައިގެން ޓްރެކެއް ހެދުމުގެ އަމަލީ މަސައްކަތާއި، ވޮލީކޯޓު މަޝްރޫޢުގެ އަމަލީ މަސައްކަތް ވަނީ ފައްޓަވައިދެއްވާފައެވެ.

އަދި މިއަދު ފެންފުށީގައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ހިދުމަތްވެސް އިފުތިތާހު ކޮށްދެއްވާފައެވެ.

މި މަޝްރޫއުތަކަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، މި މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން، ފެންފުށީގައި އެއްގަމުތޮށީގެ މަސައްކަތްވެސް ކުރިއަށްގެންދަވާނެ ކަމަށާއި، މިސްކިތް ބިނާކުރުމުގެ މަޝްރޫއު ކުރިއަށްގެންދަވާނީ ހިނަވާގެވެސް ހިމެނޭގޮތަށް ކަމަށެވެ.

އަދި ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކުރިއަށްގެންދަވާނީ، މިހާރު ހުރި މަރުކަޒުގެ ހިދުމަތްތައްވެސް އައު އިމާރާތަށް ބަދަލުކުރެވޭނޭ ގޮތަށް، މަސައްކަތުގެ ސްކޯޕަށް ބަދަލުގެންނަވައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން މި ހުރިހާ މަސައްކަތްތަކެއްވެސް ފެއްޓެވީ، އިސްކަންދެއްވައިގެން، ބާރު ދުވެލީގައި، މަސައްކަތް ނިންމެވުމުގެ އަޒުމުގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.