2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން، ރާއްޖޭގައި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުން، ވަކި މުއައްސަސާތަކެއްގެ ގޮތުގައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި ވުޒާރާތަކާ، ސީދާ ގޮތުން މުއާމަލާތުކުރެވޭނޭ އިންތިޒާމު ހަމަޖައްސަވާނެކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އދ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މާމިގިއްޔަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މާމިގިލީ ބަނދަރު ސަރަޙައްދުގައި ރޭ ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މި އިންތިޒާމު ހަމަޖެހުމާއެކު، މަސައްކަތުގެ މާޙައުލުގެ ފަށަލަތަކެއް އުނިވެ، މަސައްކަތުގެ ކުރުންތެރިކަން އިތުރުވެ، އެތައް ގޮތަކުން ކުރިއެރުން ލިބޭނޭކަން ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި ވުޒާރާތަކާ ސީދާ ގޮތުން މުޢާމަލާތު ކުރެވޭނޭ އިންތިޒާމު ހަމަޖެހުމާއެކު، އަތޮޅު ނުވަތަ ރީޖަނަލް ހޮސްޕިޓަލުތައް މެދުވެރިކޮށް ބޭސް ހޯދަންޖެހޭޖެހުން ނިމުމަކަށް ގެނެވޭނެ ކަމަށެވެ.
އަދި ބޭސް ހޯދުމާއި، ވަޒީފާތައް އެޕްރޫވްކުރުމާއި، އިތުރު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހޯދަންޖެހޭ ހުއްދަތައް ހޯދުމުގައިވެސް ލުއިފަސޭހަވެގެންދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިކަމަށްޓަކައި ވާންޖެހޭ ތައްޔާރީތަކުގެ ތެރޭގައި، ފަންނީ ވަސީލަތްތައް ހޯދުމާއި، އިންސާނީ ވަސީލަތް ތަމްރީނުކުރުން ހިމެނޭކަން ފާހަގަކުރައްވައި، މި އަހަރުގެ ނިޔަލަށް މި ކަންކަން ހަމަޖެހޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރޭގެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި އެންމެ އާންމު ހުށަހެޅުމެއްގެގޮތުގައި އިވިވަޑައިގަންނަވާ އެއް ހުށަހެޅުން ކަމުގައިވާ، ދަތުރުދާން ހާއްސަ ރަށެއް ހަމަޖެހިގެންދިއުމަށް ރައްޔިތުން އެދިލައްވާ އެދިލެއްވުމާ ގުޅޭ، އުއްމީދީ ޚަބަރެއް ދެއްވާފައެވެ.
އެގޮތުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް، ދަތުރުދިއުމަށް ހާއްސަ ރަށެއް ކަނޑައެޅިގެންދާނެ ކަމަށާއި، އެ ރަށް ވެގެންދާނީ ހަމަޖެހޭ ވަކި އުސޫލެއްގެ މަތިން، ފަތުރުވެރިކަމުގެ ބޭނުމަށާއި، އާންމު ރައްޔިތުންގެ ބޭނުންތަކަށްވެސް ގޮސް އުޅެވޭނެ ރަށަކަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މިކަމަށް ބޭނުންވާ ކަރުދާހެއް ތައްޔާރުކުރައްވައި، ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވުމުގެ މަސައްކަތްތައް މިހާރުވެސް ކުރައްވަމުން ގެންދަވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

