މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާއިން ހައްޔަރުކުރި މީހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރުމަށް ފަހު، މިހާރު ކާން ފަށައިފިއެވެ.
އެ ރޭގެ މުޒާހަރާއިން އަށް މީހުން ހައްޔަރުކުރިއެވެ.
އަދި ހަ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިފައެވެ. އަނެއް ދެ މީހުން ވަނީ ދޫކޮށްލައިފައެވެ.
ފަނަރަ ދުވަހުގެ މުއްދަތަށް ބަންދުކުރަން ކޯޓުން އަމުރުކުރީ، ކުރީގެ މަޖިލިސް މެމްބަރުން ކަމަށްވާ ޔައުގޫބު އަބްދުﷲ އާއި ޔާސިރު އަބްދުﷲގެ އިތުރުން، މާފުށި ކައުންސިލުގެ ރައީސް ހަސަން ސަލާހް އާއި އަޒީމް އަލީ އާއި، ހަސަން ޝާހިރުއެވެ.
އެމްޑީޕީން ބުނީ، އެމީހުންނާ މެދު އަމަލު ކުރަމުން ދަނީ ނާއިންސާފުން ކަމަށް ވާތީ، އެމީހުން ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ކުރަމުންދާ ކަމަށެވެ.
އެކަމާ ގުޅޭގޮތުން ފުލުހުން މިރޭ 10:07ގައި ”އެކްސް“ގައި ބުނީ ފުލުހުންގެ ބަންދުގައި ތިބި ބަޔަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާތީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑްސް އިން އެކަން މޮނިޓާކުރަމުންދާ ކަމަށެވެ.
ނަމަވެސް، މިރޭ، 23:34 ހާއިރު، ފުލުހުން ވަނީ، މިރެއިން ފެށިގެން އެމީހުން ކާން ފަށާފައިވާ ކަމަށް ބުނެފައެވެ.

