ދިވެހީންނަކީ ލޯތްބާއި ކުލުނާއި، ހިނިތުންވުމާއެކު އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމްކުރި ބައެއް ކަމަށާ، ދިވެހީންގެ ތެރޭގައި އިހުއޮތް އެކަކުއަނެކަކަށް އިހުތިރާމްކުރުމުގެ އާދަކާދަ ދިރުވުމަށްޓަކައި އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުއެ ފައްޓަވަން ގަސްތުކުރައްވާކަމަށާ، މިކަމުގައި ހުރިހާ ފަރާތްތަކުންވެސް ޝާމިލުވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ރައީސް މިފަދައިން ގޮވާލައްވާފައި މި ވަނީ، އދ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މަހިބަދޫއަށް ވަޑައިގެން، ރޭ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ.
ތަރައްގީގެ ކަންކަން ކުރިއަށްދާއިރު މީހުންގެ ވިސްނުމާއި، އުޅުމާއި ގުޅުންތައްވެސް ތަރައްގީ ވާންޖެހޭކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެ އަހަރުތަކެއް ކުރިން، ސިޔާސީ އޮއިވަރެއްގެ ތެރެއަށް ވަދެގެންދާން ފެށުމާއެކު، އެކަކު އަނެކަކަށް އިޙްތިރާމް އަދާކުރުމުގެ އާދަކާދަ މިހާރު ވަރަށް ބޮޑަށް ނެތި ގޮސްފައިވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ބޭނުންފުޅުވަނީ މިކަން ބަދަލުކުރައްވައި، އިހު އޮތް ގޮތަށް އަނބުރާ ވަޑައިގަތުމަށްކަމުގައި ވިދާޅުވެ، ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް ވަނީ، ބިޔަ މަޝްރޫޢެއްގެ ގޮތުގައި، 2026 ވަނަ އަހަރުގެ ތެރޭގައި އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއުއެއް ފައްޓަވަން އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ.
ކަމާބެހޭ ހުރިހާ ފަރާތްތަކާއި، ހުރިހާ ރައްޔިތުން އަދި ސިޔާސީ ޕާޓީތަކުންވެސް މިކަމުގައި ބައިވެރިވެވަޑައިގެން، އިހު އޮތް އިހުތިރާމް އަދާކުރުމުގެ އާދަ އަށަގެންނެވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
މިކަމުގެ ހަގީގީ ނަތީޖާ ފެންނާނީ، އެންމެންގެ ބައިވެރިވުން ލިބިގެންކަމުގައިވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ހަގީގީ މާނާގައި ދިވެހިރާއްޖެ ތަރައްގީ ވެގެންދާނީ، މިފަދަ، ވަށާޖެހޭ ގޮތެއްގައި ތަރައްގީ ހާސިލުކުރެވިގެންކަމުގައިވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
އަދި މިކަމުގައި ދިވެހި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބި، ކާމިޔާބު ހޯދޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނަށް އޮތްކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

