ފިލިޕިންސަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ދިން ސުނާމީގެ އިންޒާރު މިހާރު ނަގައިފިއެވެ.

ފިލިޕިންސަށް މިއަދު ހެނދުނުގެ ވަގުތެއްގައި ބިންހެލުމެއް އައިސްފައިވަނީ 7.6 މެގްނިޓިއުޑް ބާރުމިނުގައެވެ.

މި ބިންހެލުން އައިސްފައިވަނީ ކަނޑުގެ 10 ކިލޯމީޓަރު އަޑިން ފިލިޕިންސްގެ ދެކުނުގެ މިންޑަނައުއަށެވެ.

އެންމެ ފުރަތަމަ އިންޒާރު ދިނީ، މި ބިންހެލުމާއި ގުޅިގެން ފިލިޕިންސްގެ އައްސޭރިފަށަށް 1-3 މީޓަރު ހުންނަ ރާޅުތައް އަރާނެ ކަމަށް ބެލެވޭ ކަމަށެވެ.

އަދި 0.3-1 މީޓަރު ހުންނަ ރާޅުތައް އިންޑޮނޭޝިއާ އާއި ޕަލައުގެ ބައެއް ސަރަހައްދުތަކަށް އަރާނެ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް ސުނާމީ އަރާނެ ކަމަށް ބެލެވުނު ވަގުތު ފާއިތުވެ، މިހާރު ވަނީ މި އިންޒާރު ނަގައިފައެވެ.

މި ބިންހެލުމުގައި، އިމާރާތެއްގެ ކައިރީ ހުރި ފެންސެއް ވެއްޓި، ފިލިޕިންސްގެ އުމުރުން 54 އަހަރުގެ އަންހެނަކު މަރުވެފައިވެއެވެ. އަދި ބައެއް އިމާރާތްތަކުގައި ރެނދުލައިފައިވެއެވެ.

މި ބިންހެލުމާ ގުޅިގެން ލިބުނު ގެއްލުންތައް މޮނީޓަރ ކުރުމުގެ މަސައްކަތް، ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ފިލިޕިންސްއަށް 6.9 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސް، 74 މީހުން މަރުވެފައިވެއެވެ.