ކާއްޓާއި މުރަނގައިގެ ބާވަތްތަކަކީ އެއިން ނަފާ ހޯދިދާނެ ބާވަތްތައް ކަމަށް އެގްރިކަލްޗަރ މިނިސްޓަރު ޑރ.މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެކަމަނާ ވިދާޅުވި ގޮތުގައި، މުރަނގަތޮޅި އާއި ކާއްޓަކީ ޒަމާނުއްސުރެ ކާބަފައިން ބޭނުންކުރަމުން އައި، ދިވެހިންގެ ދިރިއުޅުމުގެ އަސާސީ ބައެއް ކަމަށެވެ.
އަދި ރުކާއި މުރަނގަ އާލާކޮށް، ދަނޑުވެރިންނަށް އިގްތިސާދީ ގޮތުން ނަފާ އިތުރުކުރެވޭނެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މުރަނގައިގައި ހަށިގަނޑަށް ބޭނުންވާ ވިޓަމިންތަކާއި، މިނަރަލްސް އަދި އެންޓިއޮކްސިޑެންޓްސް ހިމެނޭ ކަމަށާއި، އެހެން ނަމަވެސް، ޒަމާނަށް އައި ބަދަލާއެކު މި ބާވަތްތައް ހެއްދުމާއި ބޭނުންކުރުން މަދުވެފައިވާތީ، މިކަމަށް ހޭލުންތެރިކަން އިތުރުކުރަން ޖެހިފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.
އަދި މުރަނގަ ގަހުގެ ބައިތަކުން ސައި، ޕައުޑަރ، ތެޔޮ އަދި ސްކިންކެއަރ އުފެއްދުންތައް ރާއްޖޭގައިވެސް އުފެއްދިދާނެ ކަމަށާއި، ރުކުގެ އެކި ބައިތަކުން ކާނާއާއި، ބުއިންތަކާއި، ހުނި، ފައިބަރ، ކޮތަޅު އަދި ރޯނުފަދަ ތަކެތި އުފެއްދިދާނެ ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.
މި މަސައްކަތް ކުރިއަށް ގެންދިއުމަށް، އެގްރިކަލްޗަރ މިނިސްޓްރީން ވަނީ މުރަނގަ އަދި ކާށި އާލާކުރުމަށް ކޮންސަލްޓެންޓެއް ހޯދަން އިއުލާނު ކޮށްފައެވެ.

