އިލްމު ފޯރުކޮށްދިނުމަކީ ހަމައެކަނި މައުލޫމާތު ބަދަލުކުރުން ނޫން ކަމަށާ، އެއީ އެކަމުގެ ތެރެއިން ހިކުމަތްތެރިކަމާއި ޒިންމާދާރުކަން އަށަގަންނުވާ ކަމަކަށްވެސް ވާންޖެހޭކަމުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގައި މިއަދު ހެނދުނު ކުރިއަށްދިޔަ، ”ސެމިނަރ އޮން އިސްލާމިކް ލީޑަރޝިޕް އެންޑް އިންޓަރގްރޭޝަން އޮފް ނޮލެޖް“ އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ތައުލީމީ ދާއިރާ ހަރުދަނާ ކުރެއްވުމަށާއި، އިންސާނީ ވަސީލަތްތައް ތަރައްގީ ކުރެއްވުމަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.
އަދި، އިލްމާއި ރިވެތި އަހުލާގުގެ މައްޗަށް ބިނާވެފައިވާ މުޖްތަމައުއެއް ބިނާކުރުމަކީ، ގައުމު ކުރިއެރުވުމަށްޓަކައި ވަރަށް މުހިންމު ކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ސެމިނަރއަކީ، ހުލްގު ހެޔޮ، ގާބިލު ލީޑަރުން ބިނާކުރުމުގެ ގައުމީ ތަސައްވުރާއި ވަރަށް ބޮޑަށް ގުޅިފައިވާ، އަދި އީމާންކަމާއި، އިލްމާއި، އަހުލާގު ޝާމިލުވަނިވި ތައުލީމަށް ހިތްވަރު ދޭ ސެމިނަރއެއްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅު ނިންމަވާލައްވަމުން، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް)، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ (އައި.އައި.ޔޫ.އެމް) އާއި، އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓް (އައި.އައި.އައި.ޓީ) ގުޅިގެން މިފަދަ ސެމިނަރއެއް ކުރިއަށް ގެންދެވުމަކީ، އިސްލާމީ ގައުމުތަކުގެ އެއްބައިވަންތަކަމާއި، އެއް އަމާޒަކަށް މިސްރާބު ހިފާފައިވާކަމުގެ ރަމްޒެއް ކަމުގައި ވިދާޅުވިއެވެ.
ހަމަމިއާއެކު، އިސްލާމީ އަދި އިންސާނީ އުސޫލުތައް ކުރިއަރުވައި، ޖަމާއަތްތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރާ މިފަދަ މަސައްކަތްތަކަކީ ރާއްޖެއިން ބަލައިގަންނަ ކަމެއްކަމުގައިވެސް ނައިބު ރައީީސް ވިދާޅުވިއެވެ.

