ސޯޝަލް ހައުސިން މަޝްރޫއުތަކުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތައް އެއްބަސްވުމާ ހިލާފަށް ކުއްޔަށް ދީފައިވާ ތަންތަނާއި، އެތަންތަން ސަރުކާރުން ދީފައިވާ ފަރާތް ނޫން އެހެން ފަރާތްތަކުން ދިރިއުޅޭ ތަންތަނުގެ އެއްބަސްވުންތައް ބާތިލު ކުރުމުގެ މަސައްކަތް ކުރަމުންދާކަން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ފާހަގަކުރައްވައިފިއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ހުޅުމާލޭގައި އެފްޑީސީން ތަރައްގީ ކޮށްފައިވާ 4000 ފްލެޓު ކުއްޔަށް ދިނުމަށް ބައެއް ފަރާތްތަކުން އިޝްތިހާރު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެގޮތުން ”އަމާން އުދަރެސް“ އެޕާޓްމަންޓެއް 25،000 ރުފިޔާއަށް ކުއްޔަށް ދިނުމަށް ބައެއް ޕޭޖްތަކުގައި ޖަހާފައިވެއެވެ. މިކަމާ ގުޅިގެން، ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅު ކުރަމުންނެވެ.

މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ސޯޝަލް ހައުސިން މަޝްރޫއުތަކުގެ ތެރެއިން ދޫކޮށްފައިވާ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮށް، ސަބްސިޑައިޒްކުރެވިފައިވާ އަގުތަކެއްގައި ދޫކޮށްފައިވާ ތަންތަންކަމަށެވެ.

ސޯޝަލް ހައުސިންގެ ގޮތުގައި ދޫކޮށްފައިވާ ތަންތަން ބޮޑެތި އަގުތަކުގައި ކުއްޔަށްދީ، އެތަންތަން ދެވުނު ފަރާތް ފިޔަވާ އެހެން ފަރާތްތަކުން ދިރިއުޅުމަށްވެސް އަދި އެހެން ބޭނުމަކަށްވެސް ބޭނުންކުރުމަކީ ސަރުކާރުން ގަބޫލުކުރާ ކަމެއްނޫންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން އެއްބަސްވުންތަކާ ހިލާފަށް ކުއްޔަށް ދީފައިވާ ތަންތަނާއި، އެތަންތަން ދެވިފައިވާ ފަރާތްނޫން އެހެން ފަރާތެއް ދިރިއުޅޭ ތަންތަނުގެ އެއްބަސްވުންތައް ބާޠިލްކޮށް އެތަންތަން ދައުލަތަށް ނެގުމަށް ކުރަންޖެހޭ މަސައްކަތްކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ، ސޯޝަލް ހައުސިންގެ ގޮތުގައި ދޫކުރެވިފައިވާ ތަންތަން ބަލާ ފާސްކުރުމުގެ މަސައްކަތް، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ވީހާވެސް އަވަހަށް ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް ވެސް ވިދާޅުވެފައެވެ.