ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އަންހެން ކުދިންނަށް، ހަމަހަމަ ފުރުސަތުތައް ހޯއްދަވައިދެއްވުމަށާއި އެކުދިންގެ އަޑު އަހައި، އިހުތިރާމުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ގޮވާލައްވައިފިއެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ އަންހެންކުދިންގެ ދުވަހުގެ މުނާސަބަތުގައި، މެޑަމް ސާޖިދާގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، އެކަމަނާ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެން ކުދިން ދައްކުވައިދެމުންދާ ހިއްވަރާއި ތޫނުފިލިކަމާއި އޯގާތެރިކަން ފާހަގަކުރައްވައި، އެކުދިންނަކީ މުޖުތަމައުތަކުގައި އީޖާދީ ވިސްނުމާއެކު އިސްނަގައިގެން ހަރަކާތްތެރިވާ، އަދި މުސީބާތުގެ ވަގުތުތަކުގައިވެސް ގަދައަޅައި މަސައްކަތްކުރާ، ވިލުންތެރިކަން އޭގެ ހަގީގީ މާނައިގައި ދައްކުވައިދޭ ބައެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
އަދި އަންހެން ކުދިން ތައުލީމު ހާސިލުކޮށްގެން މާނަހުރިގޮތެއްގައި މުޖުތަމައުތަކަށް ހިދުމަތް ކުރެވޭނެފަދަ މާހައުލުތަކެއް ބިނާކުރުމަށް އެންމެހާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން އެކަމަނާގެ ޕޯސްޓުގައި ފާހަގަކުރެއްވިއެވެ.
ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގްވާމީ އަންހެންކުދިންގެ ދުވަހަކީ އަންހެންކުދިންގެ ހައްގުތައް ބަލައިގަނެ، އެ ކުދިންގެ ބާރުވެރިކަމަށް މަސައްކަތްކުރުމަށްޓަކައި އ.ދ އިން ކަނޑައަޅައިފައިވާ ދުވަހެކެވެ.

