ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފްލެޓުތައް ކުއްޔަށް ދޫކުރާނަމަ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ ކޯޕަރޭޝަނުން ވެސް ދީފިއެވެ.
”ގެދޮރުވެރިޔާ“ ސްކީމްގެ ފްލެޓުތައް ދޫކޮށް ނުނިމެނީސް، ބައެއް ފްލެޓުތައް 25 ހާސް ރުފިޔާއަށް ކުއްޔަށް ދިނުމަށް އިޝްތިހާރު ކުރި މައްސަލަ ހޫނުވެ، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފައި ވަނީ، ފްލެޓުތައް ކުއްޔަށް ދޫކުރާނަމަ، އެއްބަސްވުން ބާތިލު ކުރާނެ ކަމަށް ބުނެފައެވެ.
މިއަދު އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނީ، އިޖްތިމާއީ ބޯހިޔާވަހިކަމުގެ ސްކީމްތަކަކީ، ބޯހިޔާވަހިކަމުގެ ތަނަވަސްކަން ނެތް ފަރާތްތަކަށް، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމަކަށް ވާތީ، މި ފްލެޓުތައް އެހެން ފަރާތަކަށް ކުއްޔަށް ދިނުމަކީ، ފްލެޓު އެއްބަސްވުމާ ހިލާފު ކަމެއް ކަމަށެވެ.
”އެހެންކަމުން، ސޯޝަލް ހައުސިން ޔުނިޓުތައް އެހެން ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވޭތޯ، މި ކޯޕަރޭޝަނުން ބަލަމުން ގެންދާނެ ވާހަކަ އެންމެހައި ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ.“ އެޗްޑީސީން ބުންޏެވެ.
އަދި އެއްބަސްވުމާ ހިލާފަށް، އެހެން ފަރާތަކަށް ފްލެޓު ކުއްޔަށް ދީފައިވާނަމަ، އެ ފަރާތްތަކާއިމެދު އެއްބަސްވުމުގައި ކަނޑައަޅައިފައިވާ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ވަނީ މިފަދަ ކަންކަމުގައި އާއްމު ފަރާތްތަކުން ދޭ އެއްބާރުލުން ފާހަގަކޮށްފައެވެ.

