ައަޅުގަނޑުމެންގެ އުޅުމާއި ގުޅުން ބައްޓަން ކުރަން ޖެހޭނީ، ކީރިތި ޤުރުއާނުގައި މާތްﷲ އަންގަވައިފައިވާ ގޮތަށް ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، 37 ވަނަ ގައުމީ ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ، އަޅުގަނޑުމެންގެ އުޅުމާއި ގުޅުން ބައްޓަން ކުރަން ޖެހޭނީ، އިސްލާމްދީނުގައި އަންގަވައިފައިވާ ގޮތުގެ މަތިން ކަމަށެވެ. އަދި ޤުރުއާން ކިޔެވުމުގައި ރީތި ރާގުތަކާ ހަމަތަކުގެ މަތީން ކުރިއަށް ދިޔުމުގައި ސަރުކާރުން ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

”އަޅުގަނޑުމެންގެ ދަރިންނަކީ ޤުރުއާން ކިޔަވަން ބޭނުންވާ، އަދި އެއީ ފަހުރެއްގެ ގޮތުގައި ދެކޭ ދަރިންނަށް ވާން އަޅުގަނޑު ބޭނުން.“ ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ސްކޫލްތަކުން ވެސް، ޤުރުއާން ކިޔެވުމުގެ ރޮނގުން ދަރިވަރުން ކުރިއަރުވަން އަޒުމް ކަނޑައަޅައި އެކަމަށް މަސައްކަތް ކޮށްދިނުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ.

ޤުރުއާން ކިޔެވުމަށާއި ކީރިތި ޤުރުއާން ހިތުދަސްކުރުމަށާއި ކީރިތި ޤުރްއާނުގެ އިލްމު ދިވެހި އިސްލާމީ އުންމަތުގައި ފެތުރުއްވުމަށާއި ޤުރުއާނަށް ހިދުމަތްކުރެއްވުމަށް ރައީސް މުއިއްޒު ދެއްވާ ހާއްސަ އިސްކަމާއެކު، ކީރިތި ޤުރްއާން ކިޔެވުމުގެ ގައުމީ މުބާރާތަށް ވަރަށް މުހިންމު ބަދަލުތަކެއް ވަނީ ގެންނަވައިފައެވެ.

އެގޮތުން މި އަހަރުން ފެށިގެން ކީރިތި ޤުރްއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ، މުޅި މުބާރާތުން އެއް ވަނަ ހޯދާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ދެއްވުމަށާއި، މުބާރާތުގެ އެހެން ވަނަތަކަށް ދޭ އިނާމުވެސް އިތުރު ކުރެއްވުމަށް ރައީސް މިދިޔަ މަހު ނިންމެވި ނިންމެވުމާ އެއްގޮތަށް މިއަދު މިވަނީ މި މުބާރާތަކީ ސަރުކާރުން އެންމެ އިސްކަމެއްދޭ، ރާއްޖޭގައި ބާއްވާ އެންމެ ފަހުރުވެރި މުބާރާތަށް ހައްދަވައިފައެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެރޭ ރަސްމީކޮށް އިފުތިތާހު ކުރި ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތުގެ ކިޔެވުން ބޭއްވީ މިދިޔަ މަހުގެ 19 އިން ފެށިގެން 26 ވަނަ ދުވަހުގެރޭގެ ނިޔަލަށް، ސަލްމާނު ރަސްގެފާނު މިސްކިތުގެ ދެ ފަންގިފިލާއެއްގައި، އެއްފަހަރާ ދެ ގޮފީގެ ކިޔެވުމަށް އިންސާފުކުރެވޭ އުސޫލޫންނެވެ.

އަތޮޅު ކައުންސިލްތަކާއި ސިޓީ، ސްކޫލުތަކުގެ އިތުރަށް، ކްލަބު ޖަމުއިއްޔާތަކާއި، ޤުރުއާން ކުލާސްތަކާއި ކޮލެޖް/ޔުނިވަރސިޓީތަކުގެ ގޮތުގައި 119 މުއައްސަސާއަކުން ޖުމުލަ 1023 ބައިވެރިން މުބާރާތުގައި ކިޔަވައިފައިވެއެވެ.