މާރާމާރީ ހިންގި ދެ މައްސަލައާ ގުޅިގެން މާލެއިން ހަ މީހަކު ހައްޔަރުކޮށްފިއެވެ.
މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ / މޯރާ، ތާއިފް ރަފީގު (26އ) އާއި ގދ. ރަތަފަންދޫ / ސަންރައިސް، އަމްސަލް އަބްދުﷲ (25އ) އާއި ލ. ގަން / ތުނޑި ރޯސްބަޑް، އަޙްމަދު ނީޒާދު (29އ) އާއި ގދ. ތިނަދޫ / ގުލްބަކާގެ، އަބްދުﷲ އިސްރާގު (19އ) އާއި ތ. ގާދިއްފުށި / މުސްތަރީގެ، ޝަމާލް ހުސައިން (22އ) އަދި ލ. މާމެންދޫ / މުރިނގު، ރަޖުވާން ލަތީފް (24އ) އެވެ.
މި އެންމެން ވެސް ހައްޔަރުކޮށްފައިވަނީ މި އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ކޯޓު އަމުރުގެ ދަށުންނެވެ.
މި މީހުންގެ ތެރެއިން ތ. ގާދިއްފުށި / މުސްތަރީގެ، ޝަމާލް ހުސައިން (22އ) އަދި ލ. މާމެންދޫ / މުރިނގު، ރަޖުވާން ލަތީފް (24އ) ހައްޔަރުކޮށްފައިވަނީ މި އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުގެ 18:10 އެހައިކަންހާއިރު، ސައިކަލެއްގައި ގޮސް، ބޮޑުތަކުރުފާނު މަގު ފޯސްޓު އޮފީސް ކައިރީ ހުރި މީހަކާ މެދު މާރާމާރީ ހިންގާފައިވާ މައްސަލައާ ގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން ޝަމާލް ހުސައިން (22އ) އާއި ރަޖުވާން ލަތީފް (24އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ގއ. މާމެންދޫ / މޯރާ، ތާއިފް ރަފީގު (26އ) އާއި ގދ. ރަތަފަންދޫ / ސަންރައިސް، އަމްސަލް އަބްދުﷲ (25އ) އާއި ލ. ގަން / ތުނޑި. ރޯސްބަޑް، އަހުމަދު ނީޒާދު (29އ) އާއި ގދ. ތިނަދޫ / ގުލްބަކާގެ، އަބްދުﷲ އިސްރާގު (19އ) ހައްޔަރުކޮށްފައިވަނީ މި އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހުގެ 20:30 އެހައިކަންހާއިރު ގުރޫޕު ހަދާފައި ސައިކަލެއްގައި ގޮސް، މއ. ރީނދޫމާގެ ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަތީގައި އިން މީހަކަށް ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މާރާމާރީ ހިންގާފައިވާ މައްސަލައާ ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ހަތަރު މީހުން ވެސް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މާރާމާރީގައި އަނިޔާވި މީހުންނަށް ފަރުވާދިނުމަށްފަހު ހޮސްޕިޓަލުން ވަނީ ދޫކޮށްލާފައެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

