މައިމީހާގެ ފަރާތުން ތުއްތު ދަރިފުޅަށް ޖެހޭ ބަލިތަކުގެ ތެރެއިން ތިން ބައްޔެއް ނައްތާލެވުނު ފުރަތަމަ ގައުމަކަށް ދިވެހިރާއްޖެ ވެއްޖެއެވެ.

މި ބަލިތައް ނައްތާލެވިފައިވާކަން، ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ އިއުލާނުކޮށްފައެވެ.

މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ސިއްހީ އެހީތެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

ގައިން ގަޔަށް އަރާ އެކި ބަލިތަކާ ދެކޮޅަށް ރާއްޖޭގެ ސިއްޙީ ދާއިރާއިން އަންނަނީ ޑަބްލިއުއެޗްއޯއާއެކު މަސައްކަތްކުރަމުންނެވެ.

މި މަސައްކަތުގެ ތެރެއިން މީގެކުރިން ރާއްޖެއިންވަނީ އެޗްއައިވީއާއި ސިފިލިސްބަލި ނައްތާލާފައެވެ.

އަދި މިހާރު ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް މި ތިން ބަލި އެއްކޮށް ނައްތާލެވުނު ފުރަތަމަ ގައުމުގެ ގޮތުގައި ދިވެހިރާއްޖެ ވަނީ ރެކޯޑު ކުރެވިފައެވެ.

 

މި ކާމިޔާބީއާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، މިއީ ތާރީހީ ދުވަހެއް ކަމަށެވެ.

އަދި އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ނައްތާލެވުނު ފުރަތަމަ ގައުމަކަށް ރާއްޖެވުމަކީ ސިއްހީ ދާއިރާއިން ހޯދި ބޮޑު ކާމިޔާބީއެއްކަން ފާހަގަކުރައްވައި، މި ބަލިތައް ނައްތާލުމަށް މަސައްކަތްކުރެއްވި އެންމެހާ ސިއްހީ އެހީތެރިންނަށް ޝުކުރު އަދާކުރައްވާފައިވެއެވެ.