ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އޭގެ ފުރިހަމަ ފައިދާ ރައްޔިތުންނަށް ލިބޭ ގޮތަށް: ރައީސް

ރައީސް މިފަދައިން ވިދާޅުވީ، ށ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ބިލެތްފައްސަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

ރަށްރަށުގެ ތަރައްގީއަށްޓަކައި ކުރަންހުރި ހުރިހާ މަސައްކަތްތަކެއް ފުރިހަމައަށް ކޮށްދެވޭނެ ކަމުގެ ޔަގީންކަން ސަރުކާރަށް އެބައޮތް ކަމުގައި ވިދާޅުވެ ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސް ވިދާޅުވީ، އަދުގެ ސަރުކާރުން ގެންދަވަނީ، އިގްތިސާދީ ކަންކަން ރަނގަޅުކުރައްވަމުން، އެތެރެއާއި ބޭރުގެ ދަރަނި ހަލާސްކުރައްވަމުން، އެކުވެރި ދައުލަތްތަކާ މަޝްވަރާކުރައްވައިގެން ބައެއް ދަރަނިތަކަށް ލުއި ގޮތްތައް ހޯއްދަވައި، އެ ލުއިފަސޭހަކަންވެސް ރައްޔިތުންނަށް ހޯއްދަވައިދެއްވަމުންކަމުގައެވެ.

ރޭވުންތެރިކަމާއެކު ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ކާމިޔާބު ވަމުން ދާކަމަށާ، އެގޮތުން 2026 ވަނަ އަހަރަށް ދައްކަންޖެހޭ ސުކޫކު ޕޭމަންޓް ހަލާސްކުރެއްވުމުގައިވެސް ކަންބޮޑުވުމެއް ނެތްކަމުގައި ރައީސް ވިދާޅުވިއެވެ.

މި ހުރިހާ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށް ފުރިހަމަ ތަރައްގީ ހާސިލުކޮށްދެއްވުމަށް ކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ މާލީ ރިޒާވްގެ ޓްރެޖެކްޓަރީވެސް ހުރީ ރަނގަޅު މިސްރާބަކަށް ކަމުގައި ފާހަގަކުރައްވަމުން ރައީސް ވަނީ، ސަރުކާރުން ކުރުވި މަސައްކަތްތަކަށް ދައްކަންޖެހޭ ފައިސާ ހަލާސްކުރެއްވުމަށް ކަނޑައެޅުއްވި މުއްދަތުގެ ތެރޭގައި އެކަންވެސް ފުރިހަމަ ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

ހަމަމިއާއެކު، ހަގީގީ މާނާގައި ރައްޔިތުން ބާރުވެރިކުރުވުމަށްޓަކައި އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.

މާލެއަށް ހުރިހާ ބާރެއް ބަރޯސާވެފައި އޮތުމީ ލާމަރުކަޒީ ނިޒާމު ކަމުގައި ގަބޫލުފުޅުނުކުރައްވާ ކަމަށާ، ރައްޔިތުންގެ ގާތަށް ވަޑައިގެން، ރައްޔިތުންގެ އަޑު އައްސަވައިގެން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކުގެ ނަތީޖާ ފެނިވަޑައިގަންނަވާކަމުގައި ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ހަގީގީ މާނާގައި ރައްޔިތުން ބާރުވެރިކުރުވުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ބޭނުން ހުރިހާ ފަރާތްތަކުންވެސް ފުރިހަމަގޮތުގައި ހިއްޕެވުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

މި އުސޫލުން ގިނަ ބަދަލުތަކެއް ގެންނަވާ ކަމަށާ، އެ ހުރިހާ ބަދަލަކީވެސް ހަގީގީ މާނާގައި ރައްޔިތުން ބާރުވެރިކުރުވުމަށް ގެނެވޭ ބަދަލުތަކެއްކަމުގައިވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.