މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތަކާ ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު އިޢުލާންކުރައްވައިފިއެވެ.
އެމަނިކުފާނު މި މަޝްރޫއުތައް އިއުލާނު ކުރައްވާފައިވަނީ، ށ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފޯކައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އެ ރަށަށް ކުރެއްވި ޒިޔާރަތުގައި، ރަށުގެ ތަރައްގީއަށް ކުރައްވާނެކަމަށް ވަޢުދުވެވަޑައިގެންނެވި ކަންކަމާ ގުޅުންހުރި ބައެއް މަޝްރޫއުތައް ރޭވިފައިވާ ގޮތް އިޢުލާންކުރައްވައި، އޭގެ ތެރެއިން މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ އަދާހަމަ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.
އެގޮތުން، މިއަދުގެ ބައްދަލުކުރެއްވުމުގެ ތެރެއިން ވަނީ، ފޯކައިދޫގެ ބޮޑެތި މަގުތައް ހެދުމަށް އިސްކަން ދީގެން މަގުހެދުމުގެ މަޝްރޫއުއެ ކުރިއަށްގެންދިއުމަށް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތްވާ ގޮތުގެމަތިން، މަގުހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.
އަދި ރައީސް ވަނީ، ފޯކައިދޫ ސިިއްހީ މަރުކަޒު އިތުރަށް ތަރައްގީ ކޮށްދެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތްވާ ގޮތުގެމަތިން، ދާދި އަވަހަށް ރަށުގައި ގާއިމުވެ ހުންނާނޭ ފިޒީޝަނެއް ހަމަޖައްސަވައިދެއްވާނޭކަމުގެ ޔަގީންކަން ދެއްވައި، އަންނަ އަހަރު، ސިއްހީ މަރުކަޒުގެ ބިނާރު ތަރައްގީ ކުރުމުގެ މަސަކަތްތައް ކުރިއަށްގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.
ޒުވާނުންގެ ކުރިމަގަށްޓަކައި ބިނާކުރަންޖެހޭ ވަސީލަތްތައް ގާއިކުރެއްވުމަށް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތްވާ ގޮތުގެމަތިން، ފުޓްސަލް ދަނޑަކާއި ހޭންޑްބޯލް ދަނޑެއް އެރަށުގައި ތަރައްގީ ކުރެއްވުމުގެ އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ތައުލީމީ ދާއިރާއިން ވެވަޑައިގެންފައިވާ ވައުދާ އެއްގޮތްވާ ގޮތުގެމަތިން، ސްކޫލްގެ އާ އިމާރާތެއްގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާފައިވާކަންވެސް އެމަނިކުފާނު ވަނީ އިއުލާނު ކުރައްވާފައެވެ.
އަދި އަންނަ އަހަރު އެ ރަށުގައި ގެދޮރުވެރިކަމުގެ މަޝްރޫއުއެއްވެސް ކުރިއަށްގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
2024 ވަނަ އަހަރު، ރައީސުލްޖުމްހޫރިއްޔާ ފޯކައިދޫގެ ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލުން ހުށަހެޅުއްވި ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުންވެސް ބައެއް މަސައްކަތްތައް މިހާރު ވަނީ ފައްޓަވާފައެވެ.
އެގޮތުން، ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށްޓަކައި ހަރުދަނާ ނިޒާމެއް ނެތުމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން މިއަދު ވަނީ، ފޯކައިދޫގައި އިމާރާތްކުރާ، ކުންޏާއި ވަސީލަތް މެނޭޖުކުރާ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވާފައެވެ.
މީގެއިތުރުން، ރަށު ރައްޔިތުންނާއި ފަތުރުވެރިންގެ ބޭނުމަށް، މޫދަށް އެރޭ ސަރަހައްދެއް ތަރައްގީ ކުރެއްވުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކުރައްވާފައިވާކަމަށާއި، އެ މަސައްކަތާ އެކުއެކީ، ރަށް ގިރުމުގެ މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި ހިމެނިގެން މިއަދު ވަނީ، ފޯކައިދޫ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމާއި، އެ ރަށުގެ އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ އަމަކީ މަސައްކަތްވެސް ފައްޓަވާފައެވެ.

