ދިވެހިރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ފެށުމުގެ އިންތިޒާމުތައް ހަމަޖެހިގެން ގޮސްފައިވާކަން އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ޕޭޕަލްއާއެކު ދިވެހިރާއްޖޭގެ ޕާރޓްނަރެއްގެ ގޮތުގައި މަސައްކަތްކޮށްފައި ވަނީ އުރީދޫ ފިންޓެކް ކަމަށެވެ.

އަދި މިކަން ހާސިލްވެގެން ދިއުމަކީ ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ އިގްތިސާދަށް ކުރިއެރުން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ މައި އެއް ލަނޑުދަނޑި ހާސިލްވެގެން ދިޔުންކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ޑިޖިޓަލް އަދި ކްރިއޭޓިވް އިކޮނޮމީ މެދުވެރިކޮށް އުފެއްދުންތެރިކަން އިތުރުކުރުމަކީ މި ސަރުކާރުގެ އަމާޒެއްކަން ފާހަގަކޮށް އިކޮނޮމިކް މިނިސްޓްރީން ބުނީ، މި ހިދުމަތާއިއެކު އެ ވައުދު ފުދިގެން ގޮސްފައިވާ ކަމަށެވެ.

އެގޮތުން ޕޭޕަލްގެ ހިދުމަތާއެކު ރާއްޖޭގައި ބޭނުންކުރަމުންދާ ޑިޖިޓަލް ވޮލެޓުގެ ހިދުމަތް ހަރުދަނާކޮށް، ދުނިޔޭގައި ފައިސާގެ މުއާމަލާތްތައް ކުރެވޭ ޑިޖިޓަލް މަންސަތަކުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ހިދުމަތްތައް ދިވެހިރާއްޖެއިން ލިބޭނެ ގޮތަށް މިހާރު  މަގުފަހިވެފައިވާ ކަމަށާއި،  ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށާއި، ކޮންޓެންޓް ކުރިއޭޓަރުންނަށް ދުނިޔޭގެ ޑިޖިޓަލް އިކޮނޮމީގައި ހަރަކާތްތެރިވުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ މިދިޔަ ދެ އަހަރުގެ ތެރޭގައި މިކަން ހާސިލްކުރުމަށް ކުރިމަތިވި ހުރިހާ ގޮންޖެހުމެއް މިހާރު ހުރަސްކުރެވިފައިވާ ކަމަށެވެ.

ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ފެށޭނެ ގޮތް ހަމަޖެހުނުއިރު، އަންނަ އަހަރު، މި ހިދުމަތް ފެށޭނެ ކަމަށް ސަރުކާރުން ބުނެއެވެ.