ހުޅުމާލޭގެ ވިޔަފާރި ބަނދަރުގައި ހުއްޓައި ވަގަށް ނެގި ސިނގިރޭޓުގެ ދެ ކޮންޓެއިނަރުގެ މައްސަލައިގައި މޯލްޑިވްސް ޕޯޓްސް (އެމްޕީއެލް) ގެ ހަ މުވައްޒަފަކު ސަސްޕެންޑުކޮށްފިއެވެ.

އެމްޕީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ ސިނގިރޭޓު ކޮންޓެއިނަރުތައް ގެއްލުނުކަން މި މަހުގެ އަށްވަނަ ދުވަހު ފާހަގަވި ވަގުތުން ފެށިގެން އެ މައްސަލަ ބަލައި، މި މަހުގެ 12 ވަނަ ދުވަހުގައި ފަސް މުވައްޒަފުން ސަސްޕެންޑުކޮށް، އަދި މިއަދު އެކަކު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

އެމްޕީއެލުން ބުނީ،  ކުންފުނީގެ ހިންގުމުގައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް ދެނެގަތުމަށް އެމްޕީއެލްގެ ތަހުގީގު ކޮމެޓީ، ރިސްކް ޑިޕާޓްމަންޓާއި އިންޓާނަލް އޮޑިޓްއިން މިހާރު ވެސް ދަނީ އެ މައްސަލައާ ގުޅޭ ތަހުގީގު އަދި އޮޑިޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދަމުން ކަމަށެވެ.

އެމްޕީއެލް އިން ބަލަހައްޓާ ޕޯޓްތަކުގެ ސެކިއުރިޓީ ތަންފީޒު ކުރަނީ އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ކޯޑްގައި ކަނޑައަޅާފައިވާ މިންގަނޑުގެ ތެރެއިން ކަމަށާއި އެ ޕޯޓަކީ ދާއިމީކޮށް އައިއެސްޕީއެސް އޮޑިޓް ހެދި، އެ މިންގަނޑަށް ފެތޭ ނިޒާމެއްގެ ތެރެއިން ބަލަހައްޓަމުންދާ ޕޯޓެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ސިނގިރެޓް ކޮންޓެއިނަރުތައް ވަގަށް ނެގީ މީގެ ދެ މަސް ދުވަސް ކުރިންނެވެ. އެއީ އޭޕްރީލް މަހު ވަގަށް އެތެރެ ކުރަނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރެވެ.

އެ ސިނގިރޭޓުތަކުގެ ޑިއުޓީއަށް 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރައެވެ.

އެމްޕީއެލުން ބުނީ ސިނގިރޭޓު ކޮންޓެއިނަރުތައް ގެއްލުނު މައްސަލައިގައި އެ ކުންފުނީގެ ސެކިއުރިޓީ އާކިޓެކްޗާ އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ދައުލަތުގެ ސަލާމަތީ ބާރުތަކާއި ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކާއި ވުޒާރާތަކާއި ގުޅިގެން ކުރަމުންދާ ކަމަށެވެ.

އަދި މިފަދަ ކަމެއް ތަކުރާރުވޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން، ކަސްޓަމްސް އާއި ޑިފެންސް މިނިސްޓްރީ އާއި ހޯންލޭންޑް އާއި އަދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާއެކު މިހާރު މަޝްވަރާތައް ފަށާފައިވާ ކަމަށް ވެސް އެމްޕީއެލުން ބުންޏެވެ.

އެ ކުންފުނިން ބުނީ ސިނގިރޭޓު ކޮންޓެއިނަރުތައް ގެއްލުނު މައްސަލައިގައި އެއްވެސް މުވައްޒަފަކާ މެދު ފިޔަވަޅު އެޅުމަށް ފަސް ނުޖެހޭނެ ކަމަށާއި ބަނދަރުގެ ސެކިއުރިޓީ އާއި ހިންގުމުގެ ނިޒާމް އިތުރަށް ހަރުދަނާ ކުރާނެ ކަމަށެވެ.