ބިންހިއްކުމާއި ބަނދަރުގެ މަސައްކަތްތައް ހިމެނޭހެން، ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި ށ. މިލަންދޫ އެއާޕޯޓުގެ މަސައްކަތް ނިމޭނެކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު މިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، އެ މަނިކުފާނުގެ ރިޔާސީ ވަޢުދެއް ކަމުގައިވާ މިލަންދޫ އެއަރޕޯޓުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާނެ ގޮތުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.

އެގޮތުން، މިލަންދޫގެ ބިންހިއްކުމާއި އެއަރޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވައި، މިއަދު ފެށި 40 ހެކްޓަރުގެ ބިންހިއްކުމުގެ އަމަލީ މަސައްކަތް، 8 މަސް ދުވަހުގެ ތެރޭގައި ނިމޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އެއާޕޯޓު ތަރައްގީ ކުރެވެން އޮތީ، ރަށުގެ ބަނދަރު އެހެން ތަނަކަށް ބަދަލުކޮށްގެން ކަމުގައިވާތީ، މިހާރަށްވުރެ ފެންވަރު ރަނގަޅު ބަނދަރެއް ތަރައްގީ ކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ބިންހިއްކުމާއި، ބަނދަރުގެ މަސައްކަތް ހިމެނޭގޮތަށް، ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި، މިލަންދޫ އެއަރޕޯޓުގެ މަސައްކަތް ނިންމައި، އެއަރޕޯޓު އޮޕަރޭޝަނަށް ގެންނާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ރައީސް ދަތުރުފުޅުގައި ހިމެނިގެން މިއަދު ވަނީ، އެމަނިފާނު ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެ ރަށުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ އެންމެހައި ވައުދުތަކާ ގުޅުންހުރި މުހިންމު މަސައްކަތްތަކެއް ފައްޓަވާފައެވެ.

އެގޮތުން، މިލަންދޫގައި 50 ހައުސިން ޔުނިޓު ގާއިމުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމާއި، މިލަންދޫ ފޭސް 2 ގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމާއި، މިލަންދޫ ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމާއި، މިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކުރައްވާފައެވެ.

މިއަދު މިލަންދޫގައި ވަނީ، ފުލުހުންގެ މަރުކަޒު އިމާރާތްކުރުމާއި، އިސްލާމީ މަރުކަޒު އިމާރާތްކުރުމާއި، ހޮސްޕިޓަލުގެ އާ އިމާރާތުގެ، އަމަލީ މަސައްކަތް ފައްޓަވާފައެވެ.

އަދި މިލަންދޫ ފުޓްސަލް ދަނޑާއި ވޮލީ ކޯޓު ހުޅުވައިދެއްވައި، އެ ރަށުގައި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް މިއަދު ވަނީ ފައްޓަވައިދެއްވާފައެވެ.

މި މަޝްރޫއުތަކުގެ ތެރެއިން، އިސްލާމީ މަރުކަޒު އިމާރާތްކުރައްވާނީ 700 މީހުންގެ ޖާގައިގެ، ޒަމާނީ މަރުކަޒެއްގެ ގޮތުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި ހޮސްޕިޓަލުގެ އާ އިމާރާތް ވެގެންދާނީ 30 އެނދުގެ ޖާގައިގެ އިމާރާތަކަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަގުހެދުމުގެ މަޝްރޫޢު ކުރިއަށްގެންދަވާނީ ރިންގް ރޯޑެއްވެސް ހިމެނޭ ގޮތަށް ކަމަށާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގައި ރިވެޓްމަންޓް ޖަހާނީ ރަށުގެ ބިމުގެ ޖާގަ އިތުރުކުރެވޭނޭގޮތަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މިލަދުންމަޑުލު އުތުރުބުރިއަކީ އުމްރާނީ ބޮޑެތި މަސައްކަތްތައް ކުރިއަށްދާ އަތޮޅެއް ކަމުގައިވާތީ، އެ އަތޮޅުގައި ޤާއިމުކުރާ ދެވަނަ، ޕަބްލިކް ވަރކްސް ޔުނިޓު ގާއިމުކުރައްވާނީ މިލަންދޫގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަންނަ އަހަރުގެ ޖަނަވަރީ މަހު، މިލަންދޫގައި ވެމްކޯގެ ހިދުމަތް ފައްޓަވާނެ ކަމަށާއި، މިއަހަރު ނިމުމުގެ ކުރިން އެ ރަށުގައި އެކްސްރޭގެ ހިދުމަތް ފައްޓަވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދަކީ، މިލަންދޫގެ ވަށާޖެހޭ ތަރައްގީގެ ބިންގާ އެޅިގެންދިޔަ ދުވަސްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.