ކ.މާލެއިން ފުރައިގެން އެރިޔަދޫއަށް ދަތުރު ކުރަމުންދިޔަ ކޮޅުވެއްޓިއެއް ބަންޑުން ޖަހައިލައި، ގެއްލުނު ދެ މީހުންގެ ތެރެއިން، އެކަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ، އެ މީހާ ފެނުނީ، މިއަދު 3:45 ހާއިރު މޫދު އަޑިން ކަމަށާއި، އޭނާ ފެނުނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންނަށް ކަމަށެވެ. ގެއްލިގެން ހޯދަނިކޮށް ފެނުނީ ބިދޭސީއެއް ކަމަށާއި، މިހާރު ނުފެނި ވަނީ ވެސް ބިދޭސީއެއް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ފެނުނު މީހާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެއެވެ.

ރޭ ދަންވަރު ފުރައިގެން، ހަތް މީހުންނާއެކު ދަތުރު ކުރަމުންދިޔަ ”އަލްމާކް ފިޔަ“ ނަމަކަށް ކިޔާ ކޮޅުވެއްޓިން ދަތުރު ކުރި ތިން މީހަކު ގެއްލުނެވެ.

ތިން މީހުން ހޯދަމުން ދަނިކޮށް، ގއ.ދާންދޫ، ސަރުސްނޫގެ، އުމުރުން 38 އަހަރުގެ އަހުމަދު ޝިފާން ނިޔާވެފައި އޮއްވައި ވަނީ ފެނިފައެވެ. އޭނާގެ ހަށިގަނޑު ފެނުނީ، ކަނޑު އަޑިންނެވެ.

މި ހާދިސާއާއި ގުޅޭ އިތުރު މައުލޫމާތު ފަހުން ހާމަ ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.