މާތްﷲގެ ހަޒުރަތުގައި، އެންމެ ލޮބުވެތިކަން ބޮޑު އަމަލަކީ ނަމާދު އޭގެ ވަގުތުގައި ކުރުންކަން، މިއަދުގެ ހުކުރު ހުތުބާގައި ހަނދާން ކޮށްދީފިއެވެ.

މިއަދުގެ ހުކުރު ހުތުބާ ކިޔާފައިވަނީ ނަމާދަށް ފަރުވާތެރިވުމުގެ މައްޗަށެވެ.

ހުތުބާގައި ވަނީ ބާލިޣުވެ ބުއްދި ސަލާމަތުން ހުރި އެއްވެސް މުސްލިމަކަށް ނަމާދު ގާއިމުކުރުމަކީ ދޫކޮށްލެވޭނެ ފަރުޟެއް ނޫންކަން ހަނދާން ކޮށްދީފައެވެ.

”މުސްލިމް އަހުންނޭވެ! ނަމާދަކީ އިސްލާމްދީނުގެ ދެވަނަ ރުކުނެވެ. އެއީ ދީނުގެ ތަނބެވެ. ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވެއްޖެއެވެ.“ ހުތުބާގައި ބުންޏެވެ.

މިއަދުގެ ހުތުބާގައި ބުނީ، އެއީ ނަމާދަށް ފަރުވާތެރިނުވާ މީހާ ކާފިރުވާނެކަމުގެ ދަލީލެއްގެ ގޮތުގައި އިލްމުވެރިން ގެންނަވާ އާޔަތެއް ކަމަށެވެ.

އަދި ނަމާދަކީ މުސްލިމުންނާއި ކާފިރުންނާ ދެމެދުވާ ތަފާތު ކަމަށާއި، އެއީ އެ ދެމެދު ވަކިކުރާ އިން ކަމަށް ވެސް ހުތުބާގައި ހަނދާންކޮށްދިނެެވެ.

މީގެ އިތުރުން، އަޅާއާއި ޝިރުކާއި ކުފުރާ ދެމެދުގައިވަނީ ނަމާދު ދޫކޮށްލުން ކަމަށް މާތް ނަބިއްޔާ ހަދީޘްކުރައްވާފައިވާ ކަމަށް ޚުތުބާގައި ބުންޏެވެ.

އަދި، އެކަލޭގެފާނުގެ އުންމަތަށް ކުރެއްވި އެންމެ ފަހު ވަސިއްޔަތްޕުޅަކީ ވެސް ނަމާދުކަން ހުތުބާގައިވަނީ ހަނދާންކޮށްދީފައެވެ.

ޝަރުއީ އުޒުރެއް ނެތި ނަމާދު އޭގެ ވަގުތުގައި ނުކުރުމަކީ ނަމާދު އެޅުމުގެ ތެރޭގައި ހިމެނޭ ކަމެއްކަން ހުތުބާގައި ފާހަގަކުރިއެވެ.

އެގޮތުން، ބައެއް މީހުން ނަމާދުކުރުން ފަސްކުރަމުން ފަސްކުރަމުން ގޮސް، ވަގުތު ފާއިތުވެދާއިރު ވެސް ނަމާދުނުކުރެވޭކަން ފާހަގަކޮށް ހުތުބާގައިވަނީ ނަމާދަށް ރައްކާތެރިވާން ހަނދާންކޮށްދީފައެވެ.

”މުސްލިމް އަހުންނޭވެ! الله سُبْحَانَهُ وَتَعَالَىގެ ހަޒުރަތުގައި އެންމެ ލޮބުވެތިކަންބޮޑު އަމަލަކީ ނަމާދު އޭގެ ވަގުތުގައި އަދާކުރުމެވެ،“

އަދި ނަމާދަކީ ކީރިތި ޤުރުއާނުގައި ވެސް އެންމެ ގިނައިން ބަޔާންކުރައްވާފައިވާ އަޅުކަންކަން ފާހަގަކޮށް ހުތުބާގައި ބުންޏެވެ.