Advertisement
ދައުލަތުގެ ރަސްމީ ރިޒާވް ހަ އިންސައްތަ އިތުރުވެއްޖެ
ދައުލަތުގެ ރަސްމީ ރިޒާވް، ހަ އިންސައްތަ އިތުރުވެއްޖެއެވެ.

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ސެޕްޓެމްބަރު މަސް ނިމުނު އިރު، ދައުލަތުގެ ރަސްމީ ރިޒާވް ވަނީ، އޮގަސްޓް މަހަށްވުރެ 6.1 އިންސައްތަ އިތުރުވެފައެވެ.

މިދިޔަ މަސް ނިމިނު އިރު، ރަސްމީ ރިޒާވްގައި ހުރީ 859.46 މިލިއަން ޑޮލަރެވެ.
އަދި އޮގަސްޓް މަސް ނިމުނު އިރު، ރިޒާވް ހުރީ 810.05 މިލިއަން ޑޮލަރުގައެވެ.

މިދިޔަ މަހު ބޭނުންކުރެވޭ ރިޒާވް ވެސް ވަނީ މަތިވެފައިވާއިރު، މިދިޔަ މަހު ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި 194 މިލިއަން ޑޮލަރު ހުއްޓެވެ.

އަދި އޮގަސްޓް މަހު ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި ހުރީ 189 މިލިއަން ޑޮލަރެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރިޒާވް ހުރީ 371.22 މިލިއަން ޑޮލަރުގައެވެ. އެހެންކަމުން އެ މުއްދަތާއި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ރިޒާވްގެ އަދަދާ އަޅައިބަލާއިރު، އެއީ 131.5 އިންސައްތައިގެ އިތުރުވުމެކެވެ.

ދައުލަތުގެ ރިޒާވް އެންމެ ބޮޑަށް މައްޗަށް ގޮސްފައިވަނީ 2021 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައެވެ. އެ ކުއާޓަރުގައި 1.02 ބިލިއަން ޑޮލަރަށް ރިޒާވް އެރި ނަމަވެސް، އެ އަހަރު ނިމުނު އިރު، 805.81 މިލިއަން ޑޮލަރަށް ވެއްޓުނެވެ.