”ގެދޮރުވެރިޔާ“ ސްކީމަށް ކުރިމަތިލުމަށް އަލުން ހުޅުވާލާފައިވާ ކަމަށް ބުނެ، ސްކޭމް މެސެޖްތަކެއް ފޮނުވަމުންދާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި ދައުރުވަމުންދާ މި ފޭކް މެސެޖްތަކުގައި ހިމެނޭ ލިންކުތަކަކީ ޒާތީ މައުލޫމާތާއި ޕާސްވޯޑްތައް ވަގަށް ނެގުމަށް އަމާޒުކޮށްފައިވާ ލިންކުތަކެއް ކަމަށެވެ.

އެހެންކަމުން، މިފަދަ މެސެޖްތަކުގައިވާ ލިންކުތަކަށް ފިތުމުން ދުރުހެލިވުމަށާއި، މިކަމުގެ ހޭލުންތެރިކަން އެހެން ފަރާތްތަކަށް ވެސް ފޯރުކޮށްދިނުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

އަދި އެޗްޑީސީގެ ފަރާތުން ފޮނުވާފައިވާ މެސެޖެއްކަން ކަށަވަރުކުރުމަށްޓަކައި، އެ ކުންފުންޏަށް ގުޅައިގެން މައުލޫމާތު ހޯދުމަށްވެސް ފުލުހުން އެދިފައިވެއެވެ.

ސްކޭމް މެސެޖުތަކުގައި ވަނީ، ”ގެދޮރުވެރިޔާ“ ސްކީމަށް ކުރިން ހުށަހަޅާފައިވާ ފޯމުތައް ބާތިލުކޮށް، އަލުން ފޯމު ހުށަހެޅުމުގެ ފުރުސަތު އެޗްޑީސީން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހުޅުވާލާފައިވާ ކަމަށެވެ.

ނަމަވެސް މިއީ އެއްވެސް އަސްލެއް ނެތް ދޮގު މައުލޫމާތެއްކަމަށް ފުލުހުން ބުނެއެވެ.