މިއަދު ހެނދުނު ހުޅުމާލެ ފޭސް އެކެއްގައި ހުންނަ އެޕާޓްމަންޓެއްގައި ރޯވި އަލިފާންގަނޑު، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) ގެ ފަޔަރފައިޓަރުން ނިއްވައިލައިފިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

އެމްއެންޑީއެފުން ބުނީ، ހުޅުމާލެ ފޭސް 1ގެ ލޮޓް 10066 ގައި ހުންނަ އެޕާޓްމަންޓެއްގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވަނީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ހަރަކާތްތެރިވެގެން ކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ހުޅުމާލޭ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ މިއަދު ހެނދުނު 08:49 ހާއިރުއެވެ.
މައުލޫމާތު ލިބުމާއެކު އެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.

ފަޔަރފައިޓަރުން ކުރި ބުރަ މަސައްކަތުން އަލިފާންގަނޑު މުޅިން ނިއްވާލެވުނީ 09:25 ހާއިރުކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައިނުވި ނަމަވެސް، އަލިފާނުގެ ސަބަބުން އެ އެޕާޓްމަންޓުގެ އެއް ކޮޓަރިއަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފެއް ނުވެއެވެ.