ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި 14 ރަށަކަށް ގެއްލުންވެފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ)އިން ބުނެފިއެވެ.
އެންޑީއެމްއޭއިން މިއަދު ބުނީ ގދ. އަތޮޅުގެ ފަސް ރަށަކަށާއި މ. އަތޮޅުގެ ދެ ރަށަކަށާއި ގއ. ލ. ހދ. ސ. ރ. އަތޮޅުގެ ރަށްތަކުގެ ތެރެއިން ކޮންމެ އަތޮޅަކުން އެއްރަށަކަށާއި ކުޅުދުއްފުށީ ސިޓީ އަދި ފުވައްމުލައް ސިޓީއަށް ގެއްލުންވެގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ވިއްސާރައިގައި ގެއްލުންވެގެން ރިޕޯޓު ކުރި ރަށްތަކަކީ ގދ. މަޑަވެލި، އެ އަތޮޅު ހޯނޑެއްދޫ، ނަޑެއްލާ، ރަތަފަންދޫ، ފަރެސްމާތޮޑާ، ގއ. މާމެންދޫ، ލ. މާވަށް، ހދ. ނޮޅިވަރަންފަރު، ކުޅުދުއްފުށި ސިޓީ، ސ. މަރަދޫ، ރ. ފައިނު، މ. ދިއްގަރު، ރ. މަޑުއްވަރީ އަދި ފުވައްމުލައް ސިޓީއެވެ.
މި ރަށްތަކުގެތެރެއިން ކުޅުދުއްފުށީ އެއް ގެެޔަކަށް ގެއްލުން ލިބިގެން އެ ގޭގައި ދިރިއުޅޭ މީހުން އެހެން ގެޔަކަށް އެއް ދުވަހަށް ބަދަލުކޮށްފައިވެއެވެ.
އެންޑީއެމްއޭ އިން ބުނީ، އިތުރު އެއްވެސް ރަށެއްގެ ގެޔަކުން މީހުން ނެރެން ޖެހޭ ހާލަތަކަށް ގޮސްފައިނުވާ ކަމަށެވެ.
ވިއްސާރައިގައި ގެއްލުން ލިބުނު ރަށްތަކަށް ލިބިފައިވާ ގެއްލުންތަައް ދެނެގަތުމުގެ މަސައްކަތް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާ ގުޅިގެން މިހާރު ދަނީ ކުރަމުން ކަމަށް ވެސް އެންޑީއެމްއޭއިން ބުންޏެވެ.

