ފެންބޮޑުވުމުގެ މައްސަލައަކީ ލ.ކުނަހަންދޫއަށް ދިމާވެފައިވާ ބޮޑު މައްސަލައެއް ކަމަށާއި މިއަދު ސޮއިކުރެއްވި މަގުހެދުމުގެ މަޝްރޫއުއާއި ގުޅުވާލައިގެން އެ މައްސަލައަށް ދާއިމީ ރަނގަޅު ހައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.
އެމަނިކުފާނު މި ޔަގީންކަން ދެއްވީ ހައްދުންމަތީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކުނަހަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއެކު މިއަދު ހަވީރު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަދެއްކެވި އާންމު ރައްޔިތުން ވަނީ ކުނަހަންދޫގައި ހުއްޓިފައި އޮތް ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް އަލުން ފައްޓަވައިދެއްވުމަށާއި މިއަދު ސޮއިކުރެއްވި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވައި ނިންމަވައިދެއްވުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ.
އަދި މަގުތަކުގައި ހިނގާބިނގާވެ އުޅުމަށް ހުރި ދަތިތައް ހިއްސާކުރެއްވުމުގެ އިތުރުން، ރަށު ސްކޫލުގެ މަސައްކަތް މިހާރު އެހެން ފަރާތަކާއި ޙަވާލުކުރެވިފައިވީނަމަވެސް މި މަސައްކަތް ދާގޮތް ގާތުން ބައްލަވައިދެއްވުމަށްވެސް އެދިވަޑައިގެންފައިވެއެވެ.
ރަށު ރައްޔިތުން ފާހަގަކުރެއްވި ބައެއް އެހެން ކަންކަމުގެ ތެރޭގައި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި ޖަލްސާތައް ބޭއްވުމަށް ހޯލެއް ނެތުމުން ދިމާވާ ދަތިތަކުގެ އިތުރުން ރަށުގައި އެކަށީގެންވާ ޞިއްޙީ ފަރުވާ ދެވެން ނެތުމުގެ މައްސަލަ ހިމެނެއެވެ.
ރައީސްގެ ވާހަކަފުޅުގައި، މިއަދު ފެށި މަޝްރޫޢުތަކާއި ސޮއިކުރި މަޝްރޫޢުތަކުގެ މަސައްކަތް ވަރަށް ސަމާލުކަންދެއްވައިގެން، ވަރަށް އިސްކަންދެއްވައިގެން، ވަރަށް ރަނގަޅަށް ގެންގޮސް ނިންމަވައިދެއްވާނެކަމުގެ ޔަގީންކަން ކުނަހަންދޫ ރައްޔިތުންނަށް ދެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ކުނަހަންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނިގެން މޫދަށް އެރޭ ސަރަހައްދެއްވެސް ތަރައްޤީ ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.
އަދި ސްކޫލުގެ މަސައްކަތް ފެނަކަ އާއި ހަވާލުކޮށްގެން ކުރިއަށްދާ ކަމަށާއި، މޫސުން ތަންދިނުމުން ބޭނުންވާ ސާމާނު ގެނެސް އަންނަ ދިރާސީ އަހަރަށް އެ މަސައްކަތް ފެނަކައިން ކޮށްދެއްވާނެކަމަށް އުއްމީދު ކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަދެއްކެވި ރައްޔިތުން ވަނީ، މިއީ 1978 ވަނަ އަހަރުން ފެށިގެން އިންތިހާބީ ވެރިޔަކު އެރަށަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ ކުރިމައްޗަށް ވަޑައިގެން، ބައްދަލުކުރައްވާ ސަލާމްކުރައްވާ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި އެކަމަށްޓަކައި ރައީސްއަށް ވަރަށް ބޮޑަށް ޝުކުރުދަންނަވާފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ލ. ކުނަހަންދޫ ކައުންސިލަށް އެރުވި ހަނދާނީ ފިލާ ހަވާލުކޮށްދެއްވުމަށްފަހުގައެވެ.
މި ހަނދާނީ ފިލާ ކައުންސިލާއި ހަވާލުކޮށްދެއްވީ ރައީސް މުއިއްޒުއެވެ.

