ކައްދޫ އެއާޕޯޓު ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ތިން އަހަރު ތެރޭގައި ނިންމަނީ
21 އޮކްޓޯބަރ 2025

ރޭގެ ރަސްމިއްޔާތުގައި ފޮނަދޫގެ ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގައި ވަނީ ސޮއިކުރައްވާފައެވެ.

އޭގެ ތެރޭގައި ފޮނަދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި، ކައްދޫ އެއާޕޯޓް ތަރައްގީކޮށް އޮޕަރޭޓްކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމަޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާއި ހަވާލުކުރެއްވުން ހިމެނެއެވެ.

އެ މަޝްރޫއުގެ ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވީ، އެއާޕޯޓްގައި 2800 މީޓަރުގެ ރަންވޭއެއް ތަރައްގީ ކުރެއްވުމަށް ބޭނުންވާ 114 ހެކްޓަރުގެ ބިންހިއްކާ، ރަށަށް ބޭނުންވާ 30 ހެކްޓަރުގެ ބިމާއެކު ޖުމުލަ 144 ހެކްޓަރުގެ ބިން މި މަޝްރޫއުގެ ދަށުން ހިއްކާނެ ކަމަށެވެ.

މި ދެ މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް އެއް އަހަރު ތެރޭގައި ނިންމައި، އެއާޕޯޓްގެ މަސައްކަތް ގިނަވެގެން 36 މަސްދުވަހުގެ ތެރޭގައި ނިންމަވާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.

ރައީސް ވިދާޅުވީ ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީ ކުރާ ކައްދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާނީ މިހާރު ކައްދޫގައި ހުރި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ މަރުކަޒު ބަދަލުކުރަން ނުޖެހޭގޮތަށް ކަމަށެވެ.

ކައްދޫ އެއާޕޯޓަކީ ފަތުރުވެރިކަމާއި، ތައުލީމާއި، ސަރަހައްދީ ތަރައްގީއަށްޓަކައި، ފޮނަދޫގައި ކުރިއަށް ގެންދަވާ ހުރިހާ މަޝްރޫއުތަކަށް މުހިއްމު މަޝްރޫއުއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރޭގެ ރަސްމިއްޔާތުގައި ފޮނަދޫގައި، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ކެމްޕަސް އިމާރާތްކުރުމުގެ އެއްބަސްވުމާއި، ފޮނަދޫގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ލޭންގުއެޖް ސްކޫލް އިމާރާތްކުރުމުގެ މަޝްރޫއުއާއި، ފޮނަދޫގައި އޮފީސް ކޮމްޕްލެކްސް އެއް އިމާރާތްކުރުމުގެ މަޝްރޫއުއާއި، ފޮނަދޫ ބަނދަރު ހެދުމުގެ މަޝްރޫއުއާއި، ފޮނަދޫ މަގުހެދުމުގެ ތިންވަނަ ފިޔަވަހީގެ އިތުރުން ފޮނަދޫގައި ސްޕޯޓްސް ކޮމްޕްލެކްސް އެއް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ.

ރައީސް ވިދާޅުވީ މިއިން ކޮންމެ މަޝްރޫޢަކުން ރަށުގެ އިތުރުން މުޅި އަތޮޅާއި ސަރަހައްދުގެ ހުރިހާ ރަށަކަށް އެކަމުގެ ފައިދާ ލިބިގެންދާނެކަމަށެވެ.

އެގޮތުން ލެންގުއެޖް ސްކޫލުން ޓޫރިޒަމަށް ހާއްސަކޮށްގެން ތަފާތު ބަސްތައް ކިޔަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ސްޕޯޓްސް ކޮމްޕްލެކްސް ހަދާނީ 1200 މީހުންނަށް ތިބެވޭނެ ޖާގައާއި އިންޑޯ ހުރިހާ ކުޅިވަރެއް ކުޅެވޭގޮތަށް، މާލޭގައި ހުންނަ ސޯޝަލް ސެންޓަރު ހުންނަ ފެންވަރަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ހަމަމިއާއި އެކު މަގުހެދުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހި ނިމިގެންދާއިރު ރަށުގެ ހުރިހާ މަގެއް ހެދޭނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

މީގެއިތުރުން ފޮނަދޫގައި އައްސޭރި ޓޫރިޒަމް އަދި އިކޯ ޓޫރިޒަމް ކުރިއެރުވުމަށް، މަސައްކަތް ކުރިއަށް ދާކަމަށާއި، ރަށުގައި އެޅުމަށް އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ 500 ހައުސިން ޔުނިޓްގެ ތެރެއިން 100 ހައުސިން ޔުނިޓްގެ މަސައްކަތް ބަޔަކާއި ހަވާލުކުރެއްވުމުގެ ކަންކަން ކުރިއަށް ދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ސައުދީ ފަންޑްގެ ދަށުން 50 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ނިންމަވާފައިވާ ކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.