ލ. ދަނބިދޫ މަގުހެދުމުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދަވާނީ ނަރުދަމާގެ މައްސަލަ ހައްލުކުރެއްވުމަށް ފަހު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހައްދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ދަނބިދޫގެ ނަރުދަމާ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް އިސްކަން ދެއްވާނެ ކަމަށެވެ.

ރައީސް ދަނބިދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިއަދު ބޭއްވެވި ޖަލްސާގައި ދަނބިދޫ މަގުހެދުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ.

މި މަސައްކަތް ޙަވާލުކުރެއްވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއެވެ.

ދަނބިދޫގައި މިއަދު ރަސްމީކޮށް އަމަލީ މަސައްކަތް ފެށުމަށް ނިންމާފައިވާ ބައެއް މަޝްރޫއުތަކުގެ ރަސްމިއްޔާތު، ވިއްސާރަވުމުގެ ސަބަބުން ވަނީ ކެންސަލް ކުރައްވާފައެވެ.

އޭގެ ތެރޭގައި ދަނބިދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ގެ ހިދުމަތް ރަސްމީކޮށް ފެށުމާއި، ރަށުގެ ސިއްހީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ ބިންގާ އެޅުމާއި، ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ފެށުމާއި، ފުލުހުންގެ އިދާރާ އަދި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުން ހިމެނެއެވެ.

މި ރަސްމިއްޔާތުތައް މިއަދު ކުރިއަށް ނުގެންދެވުނު ނަމަވެސް މަޝްރޫއުތައް ފަށައިގެން ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް ރައްޔިތުންނަށް ދެއްވިއެވެ.