މި އަހަރުގެ ތެރޭގައި 63 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ގެންނާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނު ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދަނބިދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ދަނބިދޫގެ ސިއްހީ މަރުކަޒަށް ވަރަށް އަވަހަށް ސީ އެމްބިއުލާންސެއް ހަމަޖައްސައިދޭނެ ކަމަށެވެ.

”މިއަހަރުގެ ނިމުމުގެ ކުރީގަ އަޅުގަނޑުމެން އެބަ ގެންނަން ގާތްގަނޑަކަށް 60 ރަށަށް ބޭނުންވާ ވަރަށް އެމްބިއުލާންސް. އަޅުގަނޑު ހަނދާން ވަނީ 63 ރަށަށް ބޭނުންވާ ވަރަށް އެމްބިއުލާންސް އެބަގެނެވޭ.“ އެމަނިކުފާނު ވިދާޅުވިއެވެ.

ސިއްހީ ދާއިރާގެ ތަރައްގީއަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ދަނބިދޫގައި މިއަދު ރަސްމީކޮށް އަމަލީ މަސައްކަތް ފެށުމަށް ނިންމާފައިވާ ބައެއް މަޝްރޫއުތަކުގެ ރަސްމިއްޔާތު، ވިއްސާރަވުމުގެ ސަބަބުން ވަނީ ކެންސަލް ކޮށްފައެވެ.

އޭގެތެރޭގައި އެރަށުގައި ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އޭޓީއެމް ގެ ހިދުމަތް ރަސްމީކޮށް ފެށުމާއި، ރަށުގެ ސިއްހީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ ބިންގާ އެޅުމާއި، ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ފެށުމާއި، ފުލުހުންގެ އިދާރާ އަދި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުން ހިމެނެއެވެ.

މި ރަސްމިއްޔާތުތައް މިއަދު ކުރިއަށް ނުގެންދެވުނު ނަމަވެސް މަޝްރޫއުތައް ފަށައިގެން ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް ރައްޔިތުންނަށް ދެއްވިއެވެ.