ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ލ. ދަނބިދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ދަނބިދޫ ސުކޫލުގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްގީއަށް އެންމެ ބޭނުން ކަންކަން ވަނީ ހިއްސާކުރައްވާފައެވެ.
އެގޮތުން ކައުންސިލުން ވަނީ، ރަށުގެ ނަރުދަމާ އާއި ކަރަންޓްގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.
މީގެއިތުރުން މެންބަރުން ވަނީ، މަސައްކަތް ހުއްޓިފައިހުރި، ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތާއި، ސްކޫލްގެ މަލްޓި ޕަރޕަސް ހޯލާއި، މިސްކިތާއި، ކޯޒްވޭގެ މަސައްކަތް އަވަސް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
އަދި ރަށުގެ ޒުވާނުންނަށް ހޭންޑް ބޯލް ކޯޓެއް ބޭނުންވާކަމާއި، ބޮޑު ފުޓްބޯޅަ ދަނޑުގެ ފެންސްގެ މަސައްކަތް އަވަސްކޮށްދެއްވުމަށް މެމްބަރުން އެދިވަޑައިގެންނެވިއެވެ.
މެންބަރުންގެ ވާހަކަފުޅުގައި، ރަށުގެ ބަނދަރު އަޕްގްރޭޑްކޮށްދެއްވުމަށާއި ރަށުގެ ނެރު ފުން ކޮށްދެއްވުމަށާއި، އެންބިއުލާންސެއް ބޭނުންވާކަންވެސް ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.
އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކުރައްވައިފައެވެ.

