މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހެނދުނު 9:30 އިން މެންދުރު 13:30އާއި ހަމައަށް ހއ. އަތޮޅުން ފެށިގެންް ތ. އަތޮޅާ ހަމައަށް ޔެލޯ އެލާޓު ނެރެފައެވެ.
މި ވަގުތުތަކުގައި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
އަދި ރާއްޖޭގެ ކަނޑުތައްވެސް ވަރަށް ގަދަވާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށާއި، ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
އެގޮތުން ހުކުރު އަދި ހޮނިހިރު ދުވަހުވެސް އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށް މެޓުން ބުނެއެވެ.

