މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އަށް ސެކްރެޓަރީ ޖެނެރަލެއް ހޯދަން އިއުލާންކޮށްފިއެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެމްއެމްބީސީއަށް އެސްޖީއެއް ހަމަޖައްސަން އެ މަގާމަށް ޝައުގުވެރިވާ މީހުންނަށް އެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.
އެ އިއުލާނުގައި ބުނި ގޮތުގައި، އެ މަގާމަށް ކުރިމަތިލާ މީހަކީ 30 އަހަރުން މަތީގެ ދިވެއްސަކަށް ވާން ޖެހޭނެ ކަމަށެވެ.
އަދި އެ މަގާމަށް ކުރިމަތިލާ މީހަކީ މީޑިއާއެއްގެ މަސްއޫލުވެރި ފަރާތެއް ކަމުގައި ނުވަތަ އެޑިޓަރެއްގެ މަގާމު އަދާކުރަމުން އަންނަ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށާއި އިންތިހާބީ މަގާމެއް ފުރަމުން އަންނަ މީހެއް ކަމުގައިވެސް ވެގެން ނުވާނެ ކަމަށެވެ.
މީގެ އިތުރުން ކޮމިއުނިކޭޝަނާއި މީޑިއާގެ ހިދުމަތްދިނުމުގެ ދާއިރާގައި ވިޔަފާރީގެ ހިއްސާއެއް އޮތް މީހެއް ކަމުގައި ވެގެން ނުވާނެ ކަމަށްވެސް އެ އިއިލާނުގައިވެއެވެ.
އިއުލާނުގައިވާ ގޮތުން އެ މަގާމުގެ އަސާސީ މުސާރައަކީ، މަހަކު 20،500ރ އެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި 15،000ރ ލިބޭނެ ކަމަށް އިއުލާނުގައިވެއެވެ.
ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، މި މަހުގެ 28ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ސިވިލް ސާވިސް ކޮމިޝަނުގެ އިދާރާއަށް ހުށަހެޅުން އެދޭ ކަމަށްވެސް އެ އިއުލާނުގައިވެއެވެ.

