ކަންނެލި މަސްވެރިކަން ތަރައްގީ ކުރުމަށް ހުޅުމާލެއިން ކަނޑައަޅާފައިވާ ބިން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި ހަވާލުކޮށްފިއެވެ.
ބިން ހަވާލުކުރުމަށް މިއަދު އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިޔާރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރެވެ.
އަދި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެންޑް އޯޝަން ރިސޯސަސްގެ ފަރާތުން ސޮއިކުރެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.
މިއީ ރައީސްގެ ވައުދުފުޅުގެ ތެރެއިން، ކަންނެލިމަސްވެރިކަން ތަރައްގީކުރުމުގެ ހިމެނޭ މުހިންމު ވައުދުފުޅެކެވެ.
މި އެއްބަސްވުމުގެ ދަށުން، ހުޅުމާލޭގައި މަސް ބަންދު ކުރާ ފެސިލިޓީ އެއް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
މި އެއްބަސްވުމަކީ ދިވެހި މަސްވެރިންނަށް އެކަށޭނަ އަގުތަކެއް ހޯދައިދިނުމާއި، ކަންނެލި މަސްވެރިކަމުގެ ދާއިރާއަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ފެށިގެންދާނެ މަސައްކަތެކެވެ.
އިސްލާމިކް ޑިވެލޮޕްމަންޓް ބެންކް (އައި.އެސް.ޑީ.ބީ) ފަންޑުގެ ދަށުން ގާއިމުކުރާ މި ފެސިލިޓީގައި، ކަންނެލި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް މަސް ޕެކޭޖްކުރުމާއި، އެ ދާއިރާއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމަށް ވަނީ ނިންމާފައެވެ.
އެޗްޑީސީން ބުނީ، ރައްޔިތުންގެ ލާބަ އާއި މަންފާ އަށް ކުރެވޭ މިފަދަ ކަންކަމުގައި އެ ކުންފުނީގެ ފަރާތުން އަބަދުވެސް ސަރުކާރަށް އެއްބާރުލުން ދެމުންގެންދާނެ ކަމަށެވެ.

