އައްޑޫ ސިޓީގެ ޝަންގްރިއްލާ ވިލިނގިލި ރިސޯޓު މި އަހަރުގެ ޑިސެމްބަރު މަހު ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޝަންގްރިއްލާ ގްރޫޕުގެ އިންވެސްޓްމަންޓް އެންޑް އެސެޓް މެނޭޖްމަންޓުގެ ވެރިޔާ ކްރިސް ފޮންގް އާއި ޝަންގްރިއްލާ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ހާވް ޑުބޯސްކްއާއެކު ބޭއްވެވި ބައްދަލުވުމެއްގެ ފޮޓޯ ހިއްސާކުރައްވައި ވިދާޅުވީ ޝަންގްރިއްލާ ރިސޯޓު ޑިސެމްބަރު ފަހުކޮޅު ހުޅުވުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

އެ ރިސޯޓު ބަންދުކުރީ ކޮވިޑް-19ގެ ޕެންޑެމިކް ތެރޭގައި 2020 ވަނަ އަހަރުގެ މާޗް މަހުއެވެ.

އައްޑޫ ސިޓީގެ ގިނަ ބަޔަކު މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރި ޝަންގްރިއްލާ ރިސޯޓު ބަންދު ކުރުމާއެކު، އެ ރިސޯޓު އަލުން ހުޅުވަން ކުރީ ސަރުކާރުން ވެސް މަސައްކަތް ކުރިއެވެ. ނަމަވެސް އެކި ސަބަބުތަކާ ހެދި، އެކަން ކާމިޔާބެއް ނުވެއެވެ.