އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ މާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ދާރުލްއަރުގަމް ވަގުފް އިމާރާތުގެ މަސައްކަތް، ޖުމުލަ 39 މިލިއަން ރުފިޔާއަށްވުރެ ގިނަ އަގަކަށް، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ ހަވާލުކޮށްފައެވެ.

މި މަޝްރޫއުއަކީ ދިވެހިރާއްޖޭގެ އިސްލާމީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނެ ކަމަށް ބެލެވޭ މަޝްރޫއެކެވެ.

މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.

އަދި އާރުސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާދަމް ރަހީމެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މާލޭގައި 12 ބުރިއަށް އިމާރާތްކުރެވޭ މި ވަގުފް އިމާރާތަކީ ޒަމާނީ ވަސީލަތްތަކާ އެކު ގާއިމުކުރެވޭ އިމާރާތެއް ކަމަށާއި، މި އިމާރާތުގެ ބޭސްމެންޓާއި ގްރައުންޑް ފްލޯގައި ޕާކުކުރެވޭ ގޮތަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ފްލޯގައި ރިސެޕްޝަނެއް ހުންނާނެ ކަމަށެވެ.

މީގެ އިތުރުން، އިމާރާތުގެ ދެވަނަ ބުރީގައި ކޮންފަރެންސް ހޯލެއް ގާއިމުކުރުމަށް ހަމަޖެހިފައިވާއިރު، އެއްވަނަ ބުރިން 12ވަނަ ބުރިއަށް ޒަމާނީ އޮފީސް ބައިތަކާއި، މީޓިން ރޫމުތަކުގެ އިތުރުން ނަމާދު ކުރާ ކޮޓަރިއެއް ހުންނާނެއެވެ.

އިމާރާތުގެ ރޫފްޓޮޕް ގާއިމުކުރަނީ އޯޕަން ޓެރަސްއެއްގެ ގޮތުގައެވެ.

ޖުމުލަ 540 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ޖުމުލަ އަގަކީ 39 މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ދެ ހާސް ފަސް ސަތޭކަ ސާޅީސް ފަސް ރުފިޔާއެވެ.

މި މަޝްރޫއުއަކީ ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭނިންސްގެ ދަށުން ފަންޑު ކުރާ މަޝްރޫއެއްކަން އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މި އިމާރާތުން އަހަރަކު 10 މިލިއަނަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭއިރު، މި އާމްދަނީގެ 20 އިންސައްތަ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ޖަމާކުރުމަށް ހަމަޖެހިފައިވެއެވެ.